ސިއްހީ ދާއިރާއިން ބޮޑުކުރި މުސާރަތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ސިއްހީ ދާއިރާގެ މުސާރަތަކަށް ގެނައި ހެޔޮ ބަދަލާއި އެކު ޖުމްލަ 3710 މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ޕޭ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މުސާރަ ބޮޑުވާ މަގާމުތަކުގެ ތެރޭގައި، ހޮސްޕިޓަލްތަކާއި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ އެކި މަގާމުތަކާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގައި މަސައްކަތް ކުރާ މިދާއިރާގެ ފަންނުތަކުގެ މުވައްޒަފުންނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ސުކޫލުތަކަށް އައްޔަން ކޮށްފައި ތިބޭ މިދާއިރާގެ ފަންނުގެ މަގާމުތައް ހިމެނެއެވެ.

ސިއްހީ ދާއިރާއިން މާދަމާއިން ފެށިގެން އާ މުސާރައިގެ އޮނިގަނޑަށް ހިޖުރަ ކުރާނީ:

  • ރީޖަނަލް ހޮސްޕިޓަލްތައް - 520 މުވައްޒަފުން
  • އަތޮޅު ހޮސްޕިޓަލްތައް - 471 މުވައްޒަފުން
  • ހެލްތް ސެންޓަރުތައް -965 މުވައްޒަފުން
  • އައިޖީއެމްއެޗް - 1004 މުވައްޒަފުން
  • ހުޅުމާލެ ހޮސްޕިޓަލް - 298 މުވައްޒަފުން
  • އެހެނިހެން 452 މުވައްޒަފުން

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް ގެނައި ބަދަލުތަކާއި ގުޅޭ ތަފްސީލް ހިއްސާކުރެއްވުމަށް މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކެއްޓްރީ ޖެނެރަލް ފައިޒަލް ވިދާޅުވީ މި ބަދަލުތަކަކީ ދިރާސާތަކެއް ކުރެއްވުމަށްފަހު ބަޖެޓްގައި އެ އަދަދުތައް ހިމެނިގެން ކުރިޔަށް ގެންދަވާ ކަމެއް ކަމަށެވެ.

ސިއްހީ ދާއިރާގެ މުސާރަކަށް ގެންނަ ބަދަލުތަކާއި އެކު މުސާރަ ބޮޑުވާ ދާއިރާތަކުގެ ތެރޭގައި އާ ޕޭ ފްރޭމް ވޯކްގައި ބުނާ ކްރެޓީރިއާއަށް ފެތޭ ދިވެހިން ނެތް ގިނަ މަގާމުތަކެއް ހުރި ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ވަނީ ޞިއްޙީ ދާއިރާގައި ހިމެނޭ 67 ޖޮބް މެޓްރިކްސްގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ހެލްތު އެންޑް ސޯޝަލް ސެކްޓަރގެ 63 ޖޮބް މެޓްރިކްސްއަކާއި ހެލްތު އެޑިއުކޭޝަންގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއަކާއި ސޯޝަލް ސރވިސްގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއެކެވެ. މީގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އަދި އައި.ޖީ.އެމް.އެޗް. ގެ 1004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ 452 މުވައްޒަފުންނެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހުރި ބައެއް ފަންނުތަކާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިޕާޓްމަންޓް އޮފް ޖެވެނަލް ޖަސްޓިސްގެ ބައެއް ފަންނުތަކާއި ސްކޫލްތަކުގެ ޞިއްޙީ ދާއިރާއާ ގުޅުންހުރި ފަންނުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ފައިޒަލް ވިދާޅުވީ މިހާތަނަށް ދެވިފައިވާ މުސާރަތަކަކީ އެ މަސައްކަތާއި ނުބައްދަލު ކުޑަ މުސާރަތަކަށް ވާތީ އެލައިޑް ހެލްތްގެ ފަންނުތަކަށް އެކަށީގެންވާ ރަނގަޅު މުސާރައިގެ ކުރިއެރުން މިހާރު އައިސްފައިވާނެ ކަމަށެވެ.

އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީގެ ފެންވަރަށް ކިޔެވުމަށް ބާރު އެޅުމަށްޓަކައި މުސާރައިގައި ފަރަގުތަކެއް ގެންގުޅެފާނެ ހުންނާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ދާއިރާތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއްވެސް ހުންނާނީ ކަނޑައަޅާފަ."

އޭގެ އިތުރުން ކެންސަރު ފަރުވާފަދަ ހާއްސަ ދާއިރާތަކަށް ސްޕެޝަލައިޒް ފަންނުވެރިން ބޭނުންވާތީ އެ ފަންނު ތަކަށް ރަނގަޅު މުސާރަތަކެއް ކަނޑައާޅާފައި ހުންނާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އަދި އަތޮޅު ތެރޭގެ ހޮސްޕިޓްތަކަށް ބޭނުންވާ ފަންނުވެރިން ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށްވެސް ރަނގަލު މުސާރަތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށް ފައިޒަލް ފާހަގަ ކުރެއްވިއެވެ.

މާދަމާއިން ފެށިގެން ސިއްހީ ދާއިރާގެ މަގާމުތަކުގެ މުސާރަތަކަށް ގެންނަ ބަދަލުތަކާއި ގުޅޭ މައުލޫމާތު ނޭޝަނަލް ޕޭ ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދެއްވާނެކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ޕޭ ކޮމިޝަނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ވަރަށް ބުރަ މަސައްކަތެއް ކުރައްވާފައިވާ ކަމަށާއި، އެކަން ކުރެއްވީ އެތައް ދިރާސާތަކެއް ހައްދަވާފައިވާ ކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެ މަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ މުސާރަތަކަށް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިހެން ސަރުކާރުން ހެޔޮ ބަދަލުތައް ގެންނަވާއިރު ކުރިން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް އެ އެލަވަންސް ލިބިގެންދާނެކަން ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާގެ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރުކުރާނެކަން ފާހަގަކުރައްވާފައެވެ. އަދި މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވާނެކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޕޭ ހާމަނައިޒޭޝަންގެ މަސައްކަތާއި އެކު މުވައްޒަފުން ކުރާ މަސައްކަތާއި އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައަޅާ އުޖޫރައިގެ ތަފާތުތައް ނައްތާލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *