ވޭތުވެގެން  މިދިޔަ މުއްދަތުގެ ތެރޭގައި  ފުލުހުންގެ  ހިދުމަތަށް ވަރަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އައިސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު  ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް  މިހެން  ވިދާޅުވީ، ދިވެހި ފުލުހުންގެ  ހިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް  ވިދާޅުވީ، ފުލުހުންގެ  ހިދުމަތަށް އައި އެންމެ މުހިންމު ބަދަލަކީ، އަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަގިއްލު މަދަނީ  ހިދުމަތެއްގެ ގޮތުގައި  ފުލުހުންގެ  ހިދުމަތް ހަމަޖެހުންކަމަށެވެ. މީގެ އިތުރުން ފުލުހުންގެ  ހިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖްތަމައަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްގީވަމުން އަންނާނެ  ހިދުމަތެއް ކަމަށާއި  އެހެންވުމުން ފެންވަރު މަތިކޮށް ތަރައްގީކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް  ކަމަށްވެސް  ރައީސް  ވިދާޅުވިއެވެ.

މީގެއިތުރުން،  ރައީސްގެ  ވާހަކަފުޅުގައި  ވަނީ، ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ފުލުހުންގެ  ހިދުމަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ކުރައްވަންޖެހޭ މައްސަކަތްތަކުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ، ފުލުހުންގެ ތެރޭގައި ހިދުމަތްކުރާ ކޮންމެ މީހަކީ، އެ މީހެއްގެ  ހިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތައުލީމާއި ތަމްރީން ހޯދައިގެން  ހިދުމަތް ދޭ މީހަކަށް ހެއްދެވުން ކަމަށެވެ.

ރައީސްގެ  ދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް  ގާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަހުޑް ޕޮލިސިންގެ  ހިދުމަތް ދެމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މި އަހަރު ނިމުމުގެ ކުރިން، ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ  ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާ މެޑަލް ލިބިވަޑައިގެންނެވި، ފުލުހުންނަށް ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ ރައީސްއެވެ. މީގެ އިތުރުން، ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ "ކޮމެމޮރޭޓިވް ކޮއިން"ވެސް އެމަނިކުފާނު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *