ރަށެއްގެ ގޮނޑުދޮށަށް އުކާލާފައި ހުރި ޕްލާސްޓިކް ކޮތަޅުތަކެއް - ފޮޓޯ: ޓްވިޓަރ/ސައިފު

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުނީ ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއި އެކު ރާއްޖޭގައި އުކާލާ ޕްލާސްޓިކް މަދު ކުރުމުގެ ބޭނުމުގައެވެ.

ގަވާއިދާއި ގާނޫނުތަކަށް ފައްތައިގެން އެކަން ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަސައްކަތް ފެށިނަމަވެސް ކޮންމެ ގާނޫނެއްވެސް ފުރަތަމަ ތަންފީޒު ކުރަން ފަށާއިރު އެ އަންނަ ދަތިކަމާއި ފާޑުކިއުމާއި ފިއްތުންތައް މި ސަރުކާރަށްވެސް އަމާޒުވިއެވެ. ކޮތަޅު ސަރުކާރޭ ކިޔާ މަލާމާތްވެސް ކުރިއެވެ. ކޮތަޅުން ފީ ނަގާތީ ކަންބޮޑުވެގެން މުއައްސަސާތަކަށް ކުޑައިމީސްބަސްތަކުން ރުޅިވެރިކަން ރައްދު ކުރި އެތައް ބަޔަކު ތިބޭނެއެވެ. މުޅި ސޯޝަލް މީޑިއާގައި ފަތުރާލީ ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާތީ ހުރި ކަންބޮޑުވުންތަކެވެ. ބައެއް ފަރާތްތަކުން ޖެއްސުމަށެވެ. ބައެއް ފަރާތްތަކުން ކަން ހިނގި ގޮތް ހާމަކޮށްދިނުމަށް ޝުއޫރު ފާޅުކުރިއެވެ.

އަދި ވިޔަފާރިވެރިންވެސް ކޮތަޅު ފީ ނަގަން ފެށުމުން ބައެއް ތަކެތީގެ އަގުތަށް މައްޗަށް ޖައްސާލިއެވެ. ބައެއް ފިހާރަކުން 2 ރުފިޔާ ނަގަމުން އައި ކޮތަޅަށް އަނެއްބައި ފިހާރަތަކުން 3 ރުފިޔާވެސް ނަގައެވެ. ގާނޫނުގުައި ވާ އުނިކަމެއްގެ ސަބަބުން 50 އަށްވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑިން މީރާއަށް ޑަބަލްކޮށް ފީ ދައްކަން ޖެހުމުގެ ތަކްލީފުވެސް ވިޔަފާރި ކުރާ މީހާގެ ޖީބުން އުފުލަން ޖެއްސިއެވެ.

ކޮތަޅުން ފީ ނަގަން ފެށިފަހުން ދެ ގެއެއްގައި ޕްލާސްޓިކް ކޮތަޅު ހިއްކަން އަޅުވާފައި - ފޮޓޯ: ސޯޝަލް މީޑިއާ

އެހެންމަވެސް މިވީ ދެ ހަފްތާއެއްހާ ދުވަހުން ފާހަގަވި އެއްކަމަކީ ކޮތަޅު އިގްތިސާދު ކުރަން ދިވެހިން ފަށައިފިކަމެވެ. އެއް ފަހަރު ބޭނުންކޮށްފައި މީގެ ކުރިން ކުނި ވަށިގަނޑަށް އެއްލާލާ ކޮތަޅު މިހާރު ހުންނަނީ ދޮވެފައި ހިއްކަން އަޅުވާފައެވެ. އެކި ގޭގެ ބޭރުން އެ މަންޒަރު ފެނެއެވެ. ބެލްކަނިތަކުގައި ކޮތަޅު އަޅުވާފައިވަ ހުންނަ މަންޒަރު ފެނުމުން ދިވެހިން ކޮތަޅަށް ކުރާ ހޭދަ ކުޑަކުރަން ވިސްނައިފިކަން ސާފުވެއެވެ.

މީގެ އިތުރުން އަމިއްލަ ކޮތަޅު ހޮފައިގެން ބާރާޒަށްދާ އެތައް ބަޔަކާއި ދިމާވެއްޖެއެވެ. އަދި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތިކޮތަޅުދޭ ފިހާތައްވެސް ގިނަވާން ފަށައިފިއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާނުލާ އެތައް ފަހަރަކު ބޭނުން ކުރެވިދާނެ ރަނގަޅު ކޮލިޓީގެ ފޮތި ކޮތަޅު ވިއްކާ ވިޔަފާރިތަކާއިވެސް ދިމާވެއްޖެއެވެ. ބައެއް ވިޔަފާރިވެރިންނާއި ވާހަކަ ދައްކާލުމުން އެނގުނީ މީގެ ކުރިން ކަސްޓަމަރުން ކޮތަޅު ގެންދާ މިންވަރަށް، މިހާރު ފިހާރައިން ކޮތަޅު ބޭރު ނުކުރާ ކަމެވެ.

ކުރިން ސުފާރި ފުޅިވެސް، ބޯލަން ދަޅެއް ގަތަސް ކޮތަޅަށް ލާފަ ދެނީ. މިހާރު ކޮތަޅު ބޭނުމެއް ނޫނޭ ކަސްޓަމަރުން ބުނަނީ. އޭރު އެ ގެންދާ ކޮތަޅުވެސް ދަޅުވެސް ފިހާރައިން ބޭރުގައި ތިބެގެން ބޯލާފަ މަގުމައްޗަށް އެއްލާލާފައި ދާނީ. މިހާރު އެބައި ކުޑަކަން ފާހަގަ ކުރެވޭ"

މިއީ ބައެއް ކަންމަތީ ފިހާރަތަކުގެ ސޭޓުންނަށްވެސް ފާހަގަ ކުރެވިފައި ހުރި ކަންކަމެވެ. ކޮތަޅުގެ އިސްރާފު ހުއްޓާލާނީ ދިވެހިން ފީ އިން ރެކުމަކަށް ނޫނެވެ. ދިވެހިންގެ ނާޒުކު ތިމާވެށީގެ ދިފާއުގައެވެ. އެ ވެއްޓަށް ލިބޭ ގެއްލުމާއެކު މޫސުމީ ގޮތުން އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާއި، އިންސާނުންނާއި ޖަނަވާރުން އަދި މަސްމަހާމެހީގެ ކާނާގެ ކޮލިޓީއަށް އަންނަމުންދާ ނޭދެވޭ ބަދަލުން އަރައިގަތުމުގެ ބޭނުމުގައެވެ.

ކޮންމެ މީހަކީ ފާޑުކިއިދާނެ މީހެކެވެ. ފީ ނަގާތީ އަންނަ ރުޅީގައި ޖަޒްބާތީ އެތައް ވާހަކައެއް ދެއްކިދާނެއެވެ. އެހެންނަމަވެސް ތިމާވެށީގެ މައްސަލަ އަކީ ޖަޒްބާތުގައި ޖެހިގެން މިހާރުވެސް މާ ބޮޑަށް އިހުމާލުވެވިފައި އޮތް މައްސަލައެކެވެ. ތަންދޮރު ދަންނަ ދިވެހިންނަކީ އުނދަގުލުން ނަމަވެސް ތިމާއަށް އޭގެން މަންފާއެއް އޮތްކަމެއް ނުކޮށް ދޫކޮށް ނުލާ އެކަމަށް ހޭނުމަށް ގަދަ އަޅާ މަސައްކަތް ކުރުމެވެ. އުކާލާ ފްލާސްޓިކް މަދުކޮށް ވެށި ސާފުކޮށް ބާއްވަން ދިވެހިން އާދަ ކުރަންވީ އެވެ.

ރަށެއްގެ ފަޅުތެރެ ޕްލާސްޓިކުން ތަޣައްޔަރުވެފައި: ފޮޓޯ: ޓްވިޓަރ/މިނިސްޓަރ ޝައުނާ

އެންމެ ތުއްތު އިރުން ފެށިގެން ފްލާސްޓިކު ނޫން ގޮތެއް ދަރިންނަށް ހޯދައިދޭންވީއެވެ. އޭރުން ދެން އަންނަ ޖީލެއް ގައުމުގެ ސިޔާސަތުތައް ކަނޑައަޅާ އިދާރާތަކާއި ހަވާލުވާއިރު މިއަދު މިފެއްޓި ކޮތަޅު ފީ ނުނަގާ، ފްލާސްޓިކް ކޮތަޅާ ނުލާ އުޅެވޭ ވަރަށް ތިބޭނީ ހޭނިފައެވެ. އަދި މިއަދު އެޅި ފިޔަވަޅުގެ ސަބަބުން އޭގެ ހަގީގީ މަންފާ އެ ޖީލަށް ކުރާނެކަން ކަށަވަރެވެ. ދުނިޔެއަށްޓަކައި މިވަރުގެ ކުޑަކުޑަ ކަމެއް ކޮށްލައިގެންވެސް ދުރު މުސްތަގުބަލުގައި އޭގެ މަންފާ ދުނިޔެއަށް ކުރާނެތާއެވެ.

ޕްލާސްޓިކް މަދުކުރުމަށް 1 ޖޫން 2021 އިން ފެށިގެން ސަރުކާރުން އެޅި ބައެއް ފިޔަވަޅު

  • ސުޕާރީ ޕެކެޓް އިންޕޯޓް ކުރުން ހުއްޓުވުން
  • ޕްލާސްޓިކް ހޮޅިކޮޅު ލާފައި ހުންނަ ކަފަބުރު އެތެރެ ކުރުން ހުއްޓުވުން
  • ފްލާސްޓިކުން ހަދާފައި ހުންނަ ކާތަށި، ސަމުސާ، ފެންބޯތަށި، ވަޅި، އޫ އަދި އެއްޗެހި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ހޮޅިކޮޅު ފަދަ ތަކެތި އެތެރެ ކުރުން މަނާ ކުރުން
  • އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި އެތެރެ ކުރުން މަނާ ކުރުން
  • ބާޒާރު ކުރަން ބޭނުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު އެތެރެ ކުރުން މަނާ ކުރުން

1 ޖޫން 2021 އިން ފެށިގެން ފެން ފިޔަވާ، 500 އެމްއެލް އަށްވުރެ ކުދި ފްލާސްޓިކް ފުޅީގައި ބަންދުކުރާ ތައްޔާރީ ބުއިންތައް އެތެރެ ކުރުން މަނާ ކޮށްފައިވެއެވެ.

މީގެ އިތުރުން 1 ޑިސެމްބަރު 2023 ގައި ވަނީ ރާއްޖެއށް އިމްޕޯޓް ކުރާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެ ކުރުން މަނާ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *