ނ. މަނަދޫގައި މީހަކު މަރާލުން ފަދަ ރަހުމު ކުޑަ އަމަލެއް ހިންގަން ކެރޭވަރު މީހަކު ހުންނާނެއެކޭ އެރަށު މިހަކު ގަބޫލެއްވެސް ނުކުރެއެވެ. އެހެންނަމަވެސް ރޯދަމަހު ހިނގާދިޔަ ގަތުލަށްފަހު އަދިވެސް ރަށުތެރެއަށް ދިރުމެއް ނާދެއެވެ. ރަށް އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ބޭރަށް ނިކުމެ އުޅެންވެސް މީހުން ޖެހިލުންވެއެވެ. ގޭގައި އެކަނި އިންނަންވެސް ޖެހިލުން ވެއެވެ.

މަނަދޫ އިރުމަތީ އަވަށު ބޯޅަދަނޑު ކައިރި - ފޮޓޯ: ޖަޒީރާ

އެރަށު އަންނާރުމާގޭ، ނައީމާ މޫސާ، 62 އ ގައިގެ އެކި ތަންތަނަށް ތޫނުއެއްޗަކުން ހަމަލާދީ އޭނާ މަރާލާފައި އޮއްވާ ފެނުނީ 7 އެޕްރީލް 2023 ގައެވެ. އިރުއޮއްސެން ކައިރިވެފައި ހުއްޓާ ނައީމާގެ އާއިލާ ބަޔަކު ރޯދަވީއްލާ ތަކެތި ހިފައިގެން ގޮސް ދޮރުގައި ޓަކިދިނީ އޭނާ ބަލިވެ  އުޅެނީ ކަމަށް ހިތައެވެ. އޭރު މަގެއްމަތިންވެސް އޭނާ ނުފެންނަތާ ދެ ދުވަސް ވީއެވެ. ފޯނަށްވެސް ނުގުޅޭތީ އަދި ވަޒީފާއަށްވެސް ނުނިކުންނާތީ އޭނާގެ ރައްޓެހިން އާއިލާ އަށް އެކަން އެންގީއެވެ.

ނައީމާ ދިރިއުޅުނު ގެ ހުންނަނީ ބަހާފަ. އޭނާ ދިރިއުޅުނީ މަގާ އެންމެ ކައިރީގައި ހުންނަ ބައިގައި

ނައީމާގެ އާއިލާ މީހުން ފުލުހުންނަށް މިކަން ރިޕޯޓް ކުރުމުން ފުލުހުން އެދުވަހު އިރު އޮއްސުނު އިރު އައިސް ނައީމާ ދިރިއުޅޭ ކޮޓަރީގެ ދޮރު ވައްޓާލީއެވެ. ނައީމާ އޮތީ ޒަހަމުތަކާއި އެކު ލެއިން ތައްތެޅިފައި ބިން މަތީގައި ކަމަށް މަންޒަރުދުއް މީހުންނާއި ހަވާލާދީ އެރަށު މީހުން ބުނެއެވެ.

މުރާލި އުޅުމެއް އުޅެމުން ދިޔަ ނައީމާއަކީ އުމުރުގެ ބޮޑުބައި އެކަނިމާ އެކަނި އާމްދަނީ ހޯދައިގެން އަމިއްލަ ކަންކަން ބަލަހައްޓަމުން އައި 3 ދަރިންގެ މަންމައެކެވެ. އޭނާ ރަށުގައި އަދާކުރަމުން ދިޔަ ވަޒީފާ އަކީ ކައުންސިލްގެ ފަރާތުން ރަށުތެރެ ކުނިކަހާ ސާފުތާހިރުކުރުމުގެ މަސައްކަތެވެ.

ނައީމާގެ މަރަށްފަހު ރަށަށް ވެރިވެފައިވަނީ ހިމޭން ކަމެވެ. ކުރިން ވާދައަށްވެސް އެކަކަށްވުރެ ކުރިން ވަލަށް ވަންނަ މަނަދޫގެ ވަލުތެރެވެސް މިހާރު ފަޅުވެއްޖެއެވެ. ފަންގިވިނުމާއި ކަނަމަދު ވިއްކުމާއި ކާށި ވިއްކުން ފަދަ ހީވާގި ކަންކަމުގައި އުޅުނު މަނަދޫ އަންހެން ވެރިން މިހާރު ވަލަށްދާންވެސް ޖެހިލުން ވެއެވެ.

މަނަދޫ ވަލުތެރެ - ފޮޓޯ: ޖަޒީރާ

އެރަށު އަންހެނަކު ބުނީ ފަން ހޮވަން، އޮއްކެޔޮ ހޮވަން ދާން މިހާރު ނުކެރޭ ކަމަށެވެ. އެހެން އަންހެނަކު ބުނީ ގޭގައި ކާން ގެންގުޅޭ ކާށިކޮޅު ހުސްވެގެން ވަލުތެރޭގައި ހުރި އޭނާގެ ރުއްގަނޑަށް ދާން ވެސް ނުކެރޭ ކަމަށެވެ. މަދު މަދުން މީހުން ވަލަށް ވަދެ ހެދިޔަސް ކުރީގައި ހުންނަ ފޯރިއެއް މިހާރަކު ނެތެވެ. ރަަށަށް ލިބުނު ސިހުމުން އަރައި ނުގަނެވި ގިނަ މީހުން ތިބެނީ ގޭތެރޭގައި ބަންދުވެގެންނެވެ.

ގާތިލު ދޫވެފައިހުރުން، އަދި މާ ބިރުވެރި

ރަށުތެރޭގައި ޔޯލަ ޔޯލަޔަށް ވާހަކަތަ ފެތުރެއެވެ. ނައިމާ މަރާލީ އޭނާގެ އާއިލާ މީހެކޭވެސް ކިޔައެވެ. އެފަދަ ޝައްކު ކުރެވޭ މީހެއްވެސް އެބަހުރި ކަމަށް ބައެއް މީހުން ބުނެެއެވެ. ޖަޒީރާއަށް މައުލޫމާތު ދިން މީހަކު ބުނީ ނައީމާ މަރާލާފައި އޮއްވާ ފެނުނީ އެ ޝައްކު ކުރާ މީހާ ރަށުގައި ހުއްޓާ ކަމަށެވެ. މިދަފަ އެތައް ހީއެއްގެ ވާހަކަ ރަނުތެރޭގައި ތުންތުންމަތިން ފެތުރެއެވެ.  އެހެންނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ޝައްކު ކުރެވޭ މީހަކު ހުރި ކަމަކަށްވެސް ނުބުނެއެވެ. މިއީ ކުށްހީއެކެވެ. ސާބިތު ނުހިފޭ މިފަދަ ވާހަކަތައް މީޑިއާތަކުން ފަތުރާތީ ނައީމާގެ އާއިލާއިން އެކަމަކާއި ނުރުހެއެވެ.

މަނަދޫ މަގެއް - ފޮޓޯ: ޖަޒީރާ

ރަށު މީހުން ބުނާ ގޮތުގައި ފުލުހުން ގާތިލު ހޯދަން ނޫޅެނީއެވެ.

ކުރިން ފުލުހުން ނުވެސް ފެންނާނެ ރަށުތެރެއަކުން، ރަޯދަމަހުވެސް އެމީހުން ތިބެނީ ތާސްކުޅެން ރޭގަނޑު

ފުލުންހުންގެ މަސައްކަތާއިމެދު ހިތްހަމަ ނުޖެހޭކަން ހާމަ ކުރަމުން އެރަށު މީހަކު ބުންޏެވެ. އެހެންނަމަވެސް ނައީމާގެ މަރަށްފަހު ފުލުހުން ރަށުތެރެއިން ކޮންމެވެސް ވަރަކަށް ފެންނަ ކަމަށް ބައެއް މީހުން ބުނެއެވެ.

ނައިމާއަށް އެވަރުކޮށްލި މީހަކު އަދިވެސް ރަށުގައި އުޅެދާނެބާއެވެ. މިއީ މަނަދޫ މީހުން އެންމެ ކަންބޮޑުވާ، ޖަވާބެއް ނުލިބި އޮތް ސުވާލެވެ.

މަނަދޫ، މަސްތުވާތަކެތީގެ މައްސަލަ ބޮޑު - ފޮޓޯ: ޖަޒީރާ

ޑްރަގްގެ ބޯ މީހުންގެ ކަންތައް ހައްދުން ނެއްޓިފައި

މަނަދޫއަކީ ނިސްބަތުން ކުށްކުރުން މަދު ރަށެއްގެ ގޮތުގައި ބެލެވެން އޮތީ މާޒީގައެވެ. މިހާރު މަނަދޫ މީހުންނަަށް ޖެހިފައިއޮތް އެންމެ ބޮޑު އުނދަގުލަކީ ރަށުގެ ޒުވާން ޖީލު މަސްތުވެފައި ތިބުމެވެ. ޑަރަގް ބޯ މީހުން ގިނަވެއްޖެއެވެ. މަސްތުވާ ތަކެތި ހޯދަން ވައްކަން ކުރުންވެސް ގިނައެވެ. ޒުވާން ކުދިންވެސް އެ ވަބާގައި ފަސޭހައި ޖައްސަނީއެވެ. ރަށުތެރެއިން ޑްރަގް ލިބޭތީ އެކަން ވެސް އޮތީ ފުލުހުންނަށް ނުބެލި ކަމަށް އެ ރަށު މީހުން ބުނެއެވެ. ރަށަށް ޑްރަގް އެތެރެ ކުރާ ބަޔަކާއި އެތެރެކުރާ ގޮތްވެސް ރަށު މީހުންނަށް އެނގޭ ކަމަށްވެއެވެ. އެކަމަކު ފުލުހުން އެކަން ނުހުއްޓުވަނީ ކަމަށް ކުރާ ތުހުމަތުގެ އިނގިލި އެ އިދާރާއަށް އަމާޒުވެއެވެ.

ކޮންމެއަކަސް ނައީމާގެ މަރު ސީރިއަސް މަރެއްގެ ގޮތުގައި ފުލުހުން ތަހްގީގު ކުރަމުންދާކަމަށް އެ އިދާރާއިން ބުނެއެވެ. ގާތިލު ނުހޯދުނަސް، މީހަކު ހައްޔަރު ނުކުރިޔަސް ތަހްގީގަށް ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށް ފުލުހުން ބުނެއެވެ. ބައެއް މީހުންގެ އިނގިލީގެ ނިޝާން ނެގުމާއި ބައެއް ސަރަހައްދުތައް ބަލާ ފާސްކޮށްފައިވެއެވެ.

 

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *