ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު. ފޮޓޯ: ސަން

އެކި ކުށްކުށުގައި މީހުން ބަންދުކޮށްފައި ތިބޭ ތަންތަނަކީ އާއްމުކޮށްވެސް ހޫނު ތަންތަންކަމުން، މިފަދަ ހޫނު ދުވަސްވަރެއްގައި އެތަންތަނުގެ ފިނި ހޫނުމިނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަންފީޒީ އިދާރާތަކަށް އަންގައިފިއެވެ.

އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބަލަހައްޓާ ޖަލުތަކުގައި ހޫނު ގަދަވާކަން، ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުންނާއި ކޮމިޝަންގެ މެމްބަރުން ޖަލަށްކުރާ ޒިޔާރަތްތަކުން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން މިދުވަސްވަރު އާދަޔާއި ޚިލާފަށް ހޫނު ގަދަކަން މެޓް އޮފީހުންވެސް ހާމަކޮށްފައިވާތީ، ތަންފީޒީ އިދާރާތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއާރްސީއެމްއިން ވަނީ އަންގާފައެވެ.

އެގޮތުން ޖަލުތަކާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރ، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރ، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކާއި ނެޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރާއި މާލޭގައި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ބަންދުކޮށް ބެހެއްޓުމުގައި މިކަމަށް ސަމާލްވުމަށް ވަނީ އަންގާފައެވެ. އަދި މުވައްސަސާތަކުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން ވަނީ އަންގާފައެވެ.

މިއަހަރުގެ އެކި ދުވަސްވަރު ހޫނު ގަދަވާނެކަމަށްވެސް މެޓުން ލަފާކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *