ކުޑަކުދިންތަކެއް -- ގްރެފިކްސް: އިސާމް/ޖަޒީރާ

މިދިޔަ މާޗު މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 98 މައްސަލައެއް ހުށަހަޅާފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެގޮތުން މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި 206 މައްސަލައިގެ ތެރެއިން 98 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލަ އެވެ. އެގޮތުން މިބާވަތުގެ 29 މައްސަލައެއް ވަނީ ފެބްރުއަރީ ގައި ޖެންޑާ އަށް ހުށަހަޅައިފަ އެވެ. އަދި ކުޑަކުދިންނަށް ޖިސްމާނީ ހާނިއްކަ ކޮށްގެން 28 މައްސަލައެއް، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.

ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފުސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލައާ ބްލެކް މެއިލް ކުރުމުގެ އެއް މައްސަލަ މިދިޔަ މަހު ވަނީ ޖެންޑާއަށް ހުށަހަޅައިފައެވެ.

މީގެއިތުރުން ޢާއިލީ މައްސަލަތަކުގެ 18 މައްސަލައަކާއި، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 16 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ހަތަރު މައްސަލައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 25 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފަ އެވެ.

މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 186 ކުދިންނެވެ. މާޗު މަހު ދައުލަތަށް ތިން ކުއްޖަކު ނެގިއިރު އޭގެ ތެރެއިން ދެ ކުއްޖަކު ފޯސްޓާކޮށް އެއް ކުއްޖަކު ވަނީ އާއިލާއަށް ރީއިންޓާގްރޭޓް ކުރެވިފައިކަމަށް ޖެންޑާއިން ބުންޏެވެ. ފެބްރުއަރީ މަހުގެ ތަފާސްހިސާބުގައިވެސް ބުނެފައިވަނީ އެ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދަކީ 186 ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *