ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދުގެ މަޖިލީހުގެ ޖަލްސާގައި

ޖަލުގައި ތިބޭ ގައިދީން ގެންގުޅެމުންދިޔަ 431 ނަންބަރެއް ބްލޮކް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ދެއްވި ޖަވާބުގައެވެ.

މެންބަރު އިބްރާހީމް ރަޝީދު މިނިސްޓަރާއި ސުވާލުކުރައްވާފައިވަނީ ޖަލުތަކުގައި ސްކޭމް ކޯލްތައް ހިންގަން ބޭނުންކުރާ ފޯނު ނަންބަރުތަކުގެ މަޢުލޫމާތު ނެގޭގޮތަށްހުރިނަމަވެސް އެ މަޢުލޫމާތު ތަޙުޤީޤީ އިދާރާތަކާ ހިއްސާނުކުރާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަން ސާފުކޮށްދެއްވުމަށާއި، އެ މައުލުމާތު ހިއްސާ ނުކުރަނީ ކީއްވެތޯއާއި، ޖަލުތެރޭގައި ހިންގާ ކަމަށް ބުނާ މިފަދަ ކޯލްސެންޓަރު ހިންގުން ހުއްޓުވަން މިހާތަނަށް ކުރެވުނު މަސައްކަތަކާ ގުޅޭގޮތުންނެވެ.

ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޖަލު ސަރަހައްދުގައި މި އަހަރު އެންޓަނާއެއް ހަރުކޮށްފައިވާ ކަމަށާ މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުންކުރާ މޮބައިލް ފޯނުގެ މައުލޫމާތުތައް މި އެންޓަނާ މެދުވެރިކޮށް ޖަމާކުރެވޭ ކަމަށެވެ. އަދި މާފުށީ ޖަލު ހިމެނޭ ސަރަޙައްދުގައި ބޭނުންކުރާ މޯބައިލް ފޯނުގެ މަޢުލޫމާތުތައް މި އެންޓަނާ މެދުވެރިކޮށް އެއްކުރެވޭކަމަށާއި، ނަމަވެސް މި މަޢުލޫމާތުތައް ޖަމާކުރެވެނީ ނެޓްވަރކް އޮޕަރޭޓަރުންގެ ސަރވިސްތަކަށްކަމުން، އެ މަޢުލޫމާތުތައް ހޯދަންޖެހޭނީ އެފަރާތްތައް މެދުވެރިކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލު ތެރޭގައި ގައިދީން ބޭނުންކުރާ ނަންބަރުތަކާއި އަދި އެހެނިހެން ނަންބަރުތައް ވަކިކުރުމަށްޓަކައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކުރައްވާ ފޯނުތަކާއި އަދި ފޯނު ނަންބަރާ ގުޅޭ އެންމެހައި މައުލޫމާތު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާ ކުރެވެމުންނެވެ."

މިނިސްޓަރ ވިދާޅުވީ، މާފުށީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުން ސިއްރުން މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރާ ކުށްތައް ހުއްޓުވުމަށްޓަކާ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޖަލުގައި ބޭނުންކުރި 431 ނަންބަރެއް ބްލޮކްކޮށް، 365 އައިއެމްއީއައި ބްލެކްލިސްޓްކޮށް، 10 އައިޕީ އާއި 12 ވެބްސައިޓެއް ބްލޮކްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޖަލުތެރޭގައި މިފަދަ ކަންކަން ކުރާކަމަށް ފާހަގަކުރެވޭ ޤައިދީން އެކަހެރިކޮށް، އެފަދަ ޤައިދީން ތިބޭ ގޮޅިތައް ރެއިޑްކޮށް މުވާސަލާތީ އާލާތްތައް އަތުލައިގަނެވިފައިވާކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި މައުލޫމާތުތައް ރައްކާކުރެވިފައި ހުންނަނީ ދިރާގާއި އުރީދޫގައި ކަމުގައިވާތީ، އެ ފަރާތްތަކުން ފުލުހުންނަށް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުންނުދާތީއާއި، ފޯރުކޮށްދޭ މައުލޫމާތުތައް އެކި ފޯމެޓްތަކުގައި ހުރުމުން އެކަމުގެ ސަބަބުން އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމުވާފަދަ ގާނޫނީ މިންގަނޑެއް އޮތުން މުހިންމު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޚިދުމަތް މެދުކަނޑާލުމަށް އެދޭ ބައެއް ނަންބަރުތައް މެދުކަނޑާލުން ލަސްވުމާއި، އެއްބައެއްގެ ނަމުގައި ގިނަ ޢަދަދަކަށް ސިމް ދޫކޮށްފައިވުމާއި، އައިޑީ ކާޑެއްގެ ކޮޕީއެއް ހުށަހެޅުމުން އެ ކޮޕީއަށް ގިނަ ޢަދަދަކަށް މޯބައިލް ނަންބަރު ދޫކޮށްފައިވުމާއި، ބިދޭސީއެއްގެ ޕާސްޕޯޓް ނަންބަރު ބޭނުންކޮށްގެން އެކި ނަންނަމުގައި ސިމް ކާޑު ރަޖިސްޓްރީކޮށްދީފައިހުރުމާއި، އަދި އެއްވެސް ވަރަކަށް ރަޖިސްޓްރީނުކޮށް ހުންނަ ނަންބަރުތައް ބޭނުންކުރަމުންދިއުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

މީގެއިތުރުން ނަންބަރު ދޫކުރާ އުސޫލުގައި ހުރި ދޯދިޔާކަންވެސް މިނިސްޓަރު އިމްރާން ފާހަގަކުރައްވާ އެކަން ހައްލު ކުރުމަށް ހަރުކަށި އުސޫލުތަކެއް ކޮމިއުނިކޭޝަން އޮތޯރިޓީން ކަނޑައަޅަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *