ހދ. ކުމުންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، 45,760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 300 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 332 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޮއީސް ހަރުކުރުމާއި، މިހާރު އޮތް އެއްގަމުތޮށީގެ 154 މީޓަރުގެ ސަރަޙައްދެއް މަރާމާތު ކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 120 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 5,252.30 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 537.62 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 66.08 މިލިއަން ރުފިޔާއަށް 570 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.

މިއަދު ސޮއިކުރެވިގެން މިދިޔަ މަޝްރޫޢުއާއިއެކު، ހދ. ކުމުންދޫއަށް ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް މުސްތަޤު ބަދަލުގައި ލިބގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށް އެމްޓީސީސީ އިން ދެކެމެވެ.

އަދި ބާރުޑުބޮވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ޓީ-ޖެޓީއެއް އިތުރުކުރެވި، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިމަޝްރޫއު ނިމުމުން ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ކުމުންދޫގެ ރެޖިސްޓަރގައި އޮތް އާބާދީ 1,499 އަށް އަރާއިރު، ރަށުގެ ބޮޑުމިނުގައި 187.9 ހެކްޓަރު ހުރެއެވެ. އެހެން ރަށްރަށާއި ހިލާފަށް މި ރަށުގައި މީހުން ދިރިއުޅޭ އާބާދީވެސް ރަނގަޅެވެ. އެގޮތުން މި ރަށުގައި މީހުން ދިރިއުޅޭ އާބާދީ 1,200 ގާތްކުރާއިރު، މިކަން މިހެން އޮތުމުގެ އެންމެ  ބޮޑު އެއްސަބަބަކީ ކައިރީގައި 10 މިނެޓުން ދެވޭ ހިސާބުގައި ކުޅުދުއްފުށި އޮތުންކަމުގައި މި ރަށު ރައްޔިތުން ޤަބޫލުކުރެއެވެ.

ގިނަ ޚިދުމަތްތަކެއް ރަށާއި ދުރަށްގޮސް މާލެ ފަދަ ތަންތަނުން ހޯދުމުގެ ބަދަލުގައި، ކައިރީގައި އޮތް ކުޅުދުއްފުށިން ހޯދާލައިގެން މި ރަށު ރައްޔިތުންނަށް ފަރުޖެހެއެވެ. މި ރަށުގައި ރީތި އިކޯ ޕާކެއް އޮތްނަމަވެސް އަދި ލޯކަލް ޓުއަރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރިއެއް ތަޢާރަފެއް ނެތް ރަށެކެވެ.

ނަމަވެސް މަސްވެރިކަމާއި ދަނޑުވެރިކަމުން މި ރަށު ރައްޔިތުން އަންނަނީ އާމްދަނީ ހޯދަމުންނެވެ. މިގޮތުން މަސްވެރިކަން ކުރާ ބޮޑު 3 އޮޑިފަހަރާއި ކުދި ސައިޒުގެ 8 ދޯނި މި ރަށުގައި އޮންނައިރު، ފަރުމަސްވެރިކަން ކުރާ 10 ވަރަކަށް ޑިންގީއާއި ކައިރި ރަށްތަކަށް އެކި އެކި ބޭނުންތަކުގައި ދަތުރުކުރުމަށް ހާއްސަ 5 ލޯންޗެއް އޮވެއެވެ.

ދަނޑުވެރިކަމަށް ބަލާއިރު މި ރަށުގެ ކޮންމެ ގޭ ބިސީއަކުންވެސް އަންނަނީ މި މަސައްކަތުން ނަފާ ހޯދަމުންނެވެ. މި ރަށް ކައިރީގައި ކުޅުދުއްފުށި އޮތުމާއެކު އެ ރަށުގައި އޮންނަ "ހޮނިހިރު" މާރުކޭޓުގައި ކޮންމެ ހަފްތާއަކުވެސް މޭވާއާއި ތަރުކާރީ ވިއްކައިގެން ކުމުންދޫ ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބެއެވެ.

ކުމުންދޫއަކީ މަސްވެރި ރަށެއްކަމުގައި ވީނަމަވެސް، ފަޅު ކުޑަ ގާމަތީ ރަށެއްކަމުން، މި ރަށަކީ ޒަމާނުއްސުރެ ވެސް ލަފާފުރުމުގެ ދަތިކަން އޮތް ރަށެކެވެ. އަދި، މި ރަށުގައި ބަނދަރެއް އޮތްނަމަވެސް، ލަފާފުރުމުގެ ދަތިކަން މުޅިން ހައްލެއް ނުވެއެވެ. ސަބަބަކީ ބަނދަރު އޮތް ސަރަހައްދުގެ ގޮތުން، މޫސުން ގޯސް ދުވަސްވަރުގައި ބަނދަރަށް ވަދެ ނިކުތުމަށް ދަތިވުމެވެ.

ބޮޑު އެއް ކަންބޮޑުވުމަކީވެސް ރަށުގެ ބަނދަރު ބޭނުންކުރުމުގައި އޮތް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމެވެ. އިޤްތިޞާދު ކުރިއެރުވުމަށްވެސް ރަށަށް މިވަގުތު ބޭނުންވެފައިވާ އެންމެ މުޙިންމު އެއް ވަސީލަތަކީ ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު ޒަމާނީ ބަނދަރެއް ކަމުގައި އެރަށުގެ ރައްޔިތުން މިއަދު ދެކެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *