މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން  މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 606،395 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ 508،306 ފަތުރުވެރިންނާއި އަޅާބަލާއިރު 19.3 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދު:

ޖަނަވަރީ: 172،499 ފަތުރުވެރިން
ފެބުރުއަރީ: 177،915 ފަތުރުވެރިން
މާރިޗް: 173،514 ފަތުރުވެރިން
އެޕްރީލް މަހުގެ 12 ގެ ނިޔަލަށް: 68،677 ފަތުރުވެރިން

ތަފާސް ހިސާބަށް ބަލާއިރު މިހާރު އެވްރެޖްކޮށް ދުވާލަކު 5775 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އުޅެނީ އެވްރެޖްކޮށް 8 ދުވަހުގައެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުޅި ޖުމްލަ 1231 ތަނެއް ވަނީ ހުޅުވާފައެވެ. މިހުރިހާ ތަނަކާއެކު ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދު ވަނީ 60،514 އަށް އަރާފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކަށް ބަލާއިރު، 73578 ފަތުރުވެރިންނާއެކު 1 ވަނައިގައި އުޅެނީ ރަޝިޔާއެވެ. 64250 ފަތުރުވެރިންނާއެކު 2 ވަނައިގައި އުޅެނީ އިންޑިއާއެވެ. އަދި 59616 ފަތުރުވެރިންނާއެކު މާކެޓްގެ 3 ވަަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ.

ރާއްޖެއަށް މިއަހަރު ގެނައުމަށް އަމާޒުހިފާފައިވަނީ 1.9 މިލިއަން ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖެ ގެނައުމަށް އަމާޒުހިފާފައިވާ އަދަދުކަމަށްވާ 1.6 މިލިއަންގެ އަމާޒު ވަނީ އަހަރު ނިމުމުގެ ކުރިން ޙާޞިލްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *