މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ:

ނޫމަޑިއަށް ބަދަލު ދިނުމުގެ މައްސަލައިގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާން ދެއްވި ކަމުގެ ތުހުމަތުގައި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލީ، ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ވަނަ އަހަރު ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީ ކަމަށެވެ.

މި މައްސަލައިގައި މިއަދު ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ. ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައި ވަނީ ޝައްކެއް ނެތް މިންވަރަށް މުއިއްޒުގެ މައްޗަށް ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ދިފާއުން ވަނީ އެކަމަށް އިންކާރުކޮށް މުއިއްޒުގެ މައްޗަށް އެ މައްސަލަ ސާބިތުވާނެ ވަރުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާކަމަށް ބުނެފައެވެ. އަދި ދޮގު ބަޔާނެއް ދިނީ ހުވައެއްގެ މަތީގައިކަމަށްވާ ހާލަތާއި، އަދި ހުވައެއްގެ މަތީގައިކަމަށް ނުވާ ހާލަތުގައި ދައުވާ އުފުލަންޖެހޭ މާއްދާ ތަފާތުވާނެ ކަމަށް ދިފާއުން ބުންޏެވެ.

މި މައްސަލައިގައި ދައުލަތުން އެ ފާހަގަކުރާ ބަޔާން ދިނީ އެފަދަ ހުވައެއްގެ މަތީގައިކަން އެނގެން ނެތަތީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ބަދަލުގައި ދައުވާ ކުރަން ޖެހެނީ 521 ވަނަ މާއްދާގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ، ރަސްމީ 15 ދުވަސް ތެރޭގައި މި މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *