އައްޝައިޚް ޢަލީ ޒައިދު ގދ. ތިނަދޫގައި ދަރުސްދެއްވަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުޢާތައް ﷲތަޢާލާ ޤަބޫލުކުރައްވާނެކަމެއްކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޢަލީ ޒައިދު މިހެން ވިދާޅުވީ ގދ. ތިނަދޫގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. "ހިތްހެޔޮކަމުގެ އިންތިހާ" މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް ޢަލީ ޒައިދު އަދި އައްޝައިޚް ނިމާލް މުޙައްމަދެވެ.

މި މައުޟޫޢަށް ތަޤްރީރުކުރައްވަމުން ޝައިޚް ޒައިދު ވިދާޅުވީ އަޅުގަނޑުމެން އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އަމިއްލައަކަށް ނޫންކަމަށެވެ. މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ މައިންބަފައިން މެދުވެރިކުރައްވައި ކަމުގައިވާއިރު އެ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ އަސްލުކަމުގައިވާ މަންމައާމެދު ހެޔޮކޮށް ހިތަންވާނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުޢާތައް ﷲތަޢާލާ ޤަބޫލުކުރައްވާނެކަމެއްކަމަށް ވިދާޅުވިއެވެ.މާތްﷲ އާއި ރަސޫލާ ﷺ އަށްފަހު ދެން އަބަދުވެސް އެންމެ އިސްވާނީ މަންމަކަމަށާއި މި ތަރުތީބު ދަރިންނަށް ދަސްކޮށްދޭންޖެހޭކަމަށް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތުގައި މަންމަގެ މަޤާމަކީ ބައްޕައަކަށް އަދާކުރެވޭނެ މަޤާމެއް ނޫންކަމަށާއި ބައްޕަގެ މައްޗަށް މަންމަ 3 ފަހަރަށް އިސްކުރެވިފައިވާކަން ފާހަގަކުރައްވާ ޝައިޚް ޒައިދުވަނީ ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ދިމާވި މިފަދަ ޙާދިސާއަކަށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން މާތްﷲ ކާއިނާތުގައި ލައްވާފައިވާ ކޮންމެކަމަކީވެސް އޭގެ ފަހަތުގައި އެތަކެއް ޙިކުމަތްތަކެއް ލައްވާފައިވާ ކަންކަންކަމަށް އައްޝައިޚް ނިމާލު މުޙައްމަދު ވިދާޅުވިއެވެ.

އައްޝައިޚް ނިމާލު މުޙައްމަދު

އޭގެތެރެއިން މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވާ ގޮތަށް ފިކުރުކޮށްފިނަމަ މިކަމުގެ ފަހަތުގައިވެސް ވަރަށްގިނަ ޢިބްރަތްތައް، ވަރަށް ގިނަ ޙިކުމަތްތައް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

އިންސާނާ ހައްދަވައި ޚަލްޤުކުރައްވާފައިވާ މަރުޙަލާތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނައިން ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވާ ޝައިޚް ނިމާލް ވަނީ އިންސާނާ އުފެއްދެވުމާއިމެދު ވަރަށް ތަފްސީލުކޮށް ބައްލަވާލައްވައި އިންސާނާއަށް ބަލާލުމުން، މާތްﷲ އިންސާނާއަށް ދެއްވާފައިވާ ރަޙްމަތް ފެނިގެންދާކަމަށް ވިދާޅުވެފައެވެ.

މައިންބަފައިންގެ މުހިންމުކަމަށް ބައްލަވަމުން އިސްލާމީ އުސޫލުތަކަށް ބަލާއިރުވެސް ދޭހަވަނީ މައިންބަފައިންގެ މުހިންމުކަންކަމަށް ވިދާޅުވިއެވެ.

އަދި އެމީހުން އުފުލާ ބުރައާއި ވޭނަށް ބައްލަވައި، އެމީހުންނަށް އިޙްސާންތެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މައިންބަފައިންނަށް އަޅާލުމުގެ މުހިންމުކަމަށް ބައްލަވައި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ދިމާވި ހާދިސާތައް މި ފޯރަމްގައި ޝައިޚް ވަނީ ކިޔައިދެއްވާފައެވެ.

އަދި ތިމާ ދުނިޔޭގައި ހުއްޓާ މައިންބަފައިން މުސްކުޅި އުމުރާ ބައްދަލުކޮށްފިނަމަ އެއީ ސުވަރުގެއަށް ދިޔުމަށް ތިމާއަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގައި އިސްލާމްދީނުގައި މައިންބަފައިންގެ މަޤާމާއި އިސްލާމްދީނުގައި މައިންބަފައިންނަށް އިޙްސާންތެރިވުމާއި އެދެމީހުންނަށް ކިޔަމަންތެރިވުމަށް ބާރުއަޅާފައިވާ މިންވަރު، ދެ ބޭފުޅުންވެސް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *