ނ. މަނަދޫގައި ޒަހަމްތަކާއި އެކު މަރުވެފައި އއްވާ ފެނުނު ނައީމާގެ މަރުގެ ތަހްގީގު ކުރިޔަށްދާތީ މިވަގުތު އެއްވެސް މައުލޫމާތެއް ހާމަ ކުރެވެންނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ނ. މަނަދޫގައި އެކަނި ގެއެއްގައި އުޅެމުންދިޔަ 62 އަހަރުގެ ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު އިރުއޮސުނު ފަހުންނެވެ. އެއީ ނައީމާގެ ހަބަރެއް ނުވެ ރަށުތެރެއިންވެސް ނުފެނި ދެވަނައަށްވީ ދުވަހެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ޝައްކުކުރެވޭ ފަރާތެއް ހުރިތޯ ދެނެގަތުމަށް މަނަދޫގެ އެކި ތަންތަން ބަލާ ފާސްކޮށްފައެވެ. ހޮސްޕިޓަލާއި ކައިރީގައި ހުންނަ ތަނެއްވެސް ފުލުހުން ބަންދުކޮށްގެން ބަލާ ފާސްކޮށްފައިވެއެވެ.

އަދި ނައީމާ މަރުވެފައި އޮއްވާ ފެނުނު ގެ ހުންނަ ސަރަހައްދު ފުލުހުން ބަންދުކޮށްގެން އެ ސަރަހައްދުވެސް ބަލާފައިވެއެވެ.

ނައީމާގެ މަރުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއްވާކަމަށް ރަށުތެރޭގައި ވާހަކަ ދެކެވުނު ނަމަވެސް އެއިން އެއްވެސް ކަމަކަށް ބާރުދޭ ހެއްކެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ޔޯލަ ޔޯލައަށް ރަށުތެރޭގައި ވާހަކަ ފެތުރުން ނޫން ގޮތަކަށް ނައީމާގެ މަރާއި ގުޅިގެން އެރަށު މީހުންނަށް އަދި ކައުންސިލަށްވެސް އެއްވެސް ކަމެއް މިހާތަނަށް ޔަގީން ކަމާއެކު ބުނާކަށް ނޭންގެއެވެ.

ނައިމާގެ މަރަށްފަހު މަނަދޫ ކައުންސިލުން ވަނީ އެރަށުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައެވެ.

މަނަދޫ އަކީ އާންމުގޮތެއްގައި ކުށްމަދު ރަށެކެވެ. އެހެންނަމަވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ރަށުތެރެއަށް ދޫވެފައި ތިބޭ ކަމުގެ ހިތް ނުތަނަވަސް ކަން އެރަށުގެ އާންމުންގެ އޮވެއެވެ. ގިނަ ގެތައް ހުންނަނީ ވަގުންގެ ކިބައިން ސަލާމަތް ކުރުމަށް ވަށާފާރު ރާނާ ބޭރު ދޮރުވެސް ތަޅުލާފައެވެ.

މަނަދޫ އަކީ ފުދޭވަރަކަށް ގިނައިން ބިދޭސީންނާއި އެހެން ރަށަރަށުގެ މީހުންވެސް ވަޒީފާ އަދާކުރުމަށް އައިސް ވަޒަންވެރިވެގެން އުޅޭ ރަށެވެ. ނައީމާގެ މަރާއި ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ މަނަދޫ މީހަކު ނެތް ކަމަށް އެރަށު މީހުން ބުނެއެވެ.

ނައީމާއަކީ މަނަދޫ ކައުންސިލްގައި، ރަށުތެރެ ކުނިކަހަ ސާފުކުރުމުގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާގެ ހަބަރެއް ނުވެގެން ހޯދީވެސް ކުނި ކަހަން ނުގޮސް ފޯނަށް ނުގުޅޭތީ ދެވަނައަށްވީ ދުވަހެވެ.

މީގެ 3 ދުވަސް ކުރިން ( 8 އޭޕްރީލްގައި) ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،  ނ.މަނަދޫ އަންނާރުމާގޭ ނައީމާ މޫސާ ގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން 7 އޭޕްރީލް ވަނަ ދުވަހު އިރުއޮއްސި 18:13 ހާއިރު، ފުލުހަށް އެކަން ރިޕޯޓް ކުރުމުން. ފުލުހުން ގޮސް ނައީމާ  އުޅޭ ކޮޓަރީގެ ދޮރު ވައްޓާލުމަށްފަހު އެތެރެއަށް ވަތް އިރު، ކޮޓަރި ބިންމަތީގައި އަނިޔާތަކަކާއިއެކު ނައީމާ މަރުވެފައި އޮއްވާ ފެނުނު ކަމަށެވެ.

އަނިޔާތަކުގެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެއެވެ. އަދި ކުށުގެ ވެށިން ތޫނު ހަތިޔާރެއް ފަދައެއްޗެއް ފެނުނު ކަމެއްވެސް ސާފެއް ނުވެއެވެ.

ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަކީ، ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ  ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އެމަރު ތަހްގީގު ކުރަމުން ގެންދާ ކަން އެކަންޏެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިން  ޑިޕާޓްމެންޓްގެ ތަހްގީގު ޓީމަކާއި ފޮރެންސިކް ތަހްގީގް ޓީމެއް  މަނަދޫގައި ހަރަކާތްތެރިވަމުންދާއިރު  ނައީމާގެ ހަށިގަނޑުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު،  ޕޯސްޓްމޯޓަމެއް ހެދުމުގެ ބޭނުމެއް ނެތުމުން އާއިލާ އާއި ހަވާލުކޮށް އޭނާ ވަޅުލާފައި ވަނީ  ޖެހިގެންއައި ދުވަހު (8 އޭޕްރީލްގައި) ހަވީރު 17:20 ހާއިރު މަނަދޫ ގަބުރުސްތާނުގައެވެ.

ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދިފައިވެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *