ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދުކަމަށް ހަދަންޖެހޭ ކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ”ނަމާދު- މުސްލިމާގެ ދީނާއި ދުނިޔެ” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. 9 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު އަދި އައްޝައިޚް އަޙްމަދު ސަމީރެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޙުސައިން ވަނީ ނަމާދުގެ މުހިންމުކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން މުސްލިމެއްގެ ދިރިއުޅުން ކުރިއަަށް ގެންދިއުމުގައި އެންމެ އިސްކަންދޭން ޖެހޭ ތަރުތީބަށް ބައްލަވަމުން ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަކަމަކީ ނަމާދުކަމަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ. ނަމާދުކުރުމަށް ކޮންމެ ދުވަހަކުވެސް އިސްކަންދޭންޖެހޭކަމަށާއި އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާލުމުން ފެންނަނީ ނަމާދަކީ ކުރަން ހުންނަ އެހެނިހެން ކަންކަން ކޮށްފައި ހުސްވަގުތެއް ލިބިއްޖެނަމަ ކުރާ ކަމެއްގެ ގޮތުގައެވެ. އެހެން އެކަން ނުކުރުމަށް ނަސޭހަތްތެރިވަމުން ޝައިޚް ވަނީ އަބަދުވެސް ކުރާ މަސައްކަތެއް ކުރަންޖެހޭނީ، ރާވަންޖެހޭނީވެސް އެންމެ ފުރަތަމަ ނަމާދު ކުރެވޭ ގޮތަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަންތަނުގެ އިސްވެރިންނާއި ކަންކަން ރާވާ ހިންގާ ބޭފުޅުންވެސް އެ ބޭފުޅުންގެ ދަށަށް ތިއްބަވާ މުވައްޒަފުންނަށް ނަމާދުކުރުމަށް ބާރުއެޅުމާއި ނަމާދުކުރުމަށް ވަގުުތު ދިނުމާއި އިމާރާތްތައްކުރާއިރުވެސް ނަމާދުކުރެވޭނެ ތަންތަން ހަދައި ނަމާދަށް ބާރު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.

ނަމާދުކުރާ މީހާއާއި ނަމާދު ނުކުރާ މީހެއްގެ ދިރިއުޅުމަށް ބައްލަވަމުން ޝައިޚް ހުސައިން ވިދާޅުވީ ނަމާދު ނުކުރާ މީހަކާ ނަމާދުކުރާ މީހެއްގެ ތަފާތު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެގޮތުން ނަމާދުކުރާ މީހާގެ ދިރިއުޅުން ވަރަށް ތަރުތީބުވާނެކަމަށެވެ. ވަގުތަށް ނަމާދުކުރާ މީހާއަކީ ވަކި ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުވެގެންވާ މީހެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެންނަކީ ވަގުތަށް ނަމާދުކުރާ ބަޔަކަށްވުމަށްޓަކައި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވައި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަދައަކުން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ބަޔަކަށް ވެވޭތޯ ދުއާ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ނަމާދަކީ ހުރިހާ އުންމަތަކަށްވެސް ފަރުޟުކުރެވިފައިވާ ކަމެއްކަމަށެވެ.

އެއީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށްޓަކައި މުސްލިމުން އެންމެ އިސްކަންދޭން ޖެހޭ ކަންތައްތަކަމަށާއި ނަމާދާ ނުލައި ކުރާ އެހެން އަޅުކަންތައް ގަބޫލުވެގެން ނުވާކަމަށެވެ. ނަމާދު ނުކުރާ މީހާ ޤިޔާމަތްދުވަހު ވާނީ ފިރުޢައުނާއެކުގައިކަމަށާއި މަޙްޝަރުކުރެވޭ ހިނދު އެފަދަ ނުބައި އިންސާނަކާއިއެކު ވާން ބޭނުން ނުވާނަމަ ވަގުތަށް ނަމާދު ޤާއިމްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ނަމާދަކީ ކޮންމެ ޙާލެއްގައިވެސް ކުރަން އަމުރުކުރައްވާފައިވާ އަޅުކަމަށް ވާއިރު ވަގުތަށް ނަމާދުކުރުމަކީ އެއީ މާތް ﷲގެ ހަޟްރަތުގައި އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަންކަމަށް ވިދާޅުވިއެވެ. ނަމާދަށް ރައްކާތެރިވާ މީހާއަށް އެއީ ނޫރެއް، ޙުއްޖަތެއްކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. ޝައިޚް ސަމީރު ވަނީ ސުލޫކީ ގޮތުން ނަމާދުގެ ދައުރު މުޖުތަމަޢުގައި އޮންނަގޮތަށާއި، ނަފްސާނީ ދުޅަހެޔޮކަމާ ނަމާދާ އޮންނާ ގުޅުމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ސިއްޙީ ދުޅަހެޔޮކަމާއި ނަމާދާ ހުރި ގުޅުމާ ގުޅޭ ގޮތުން ތަޖުރިބާކާރު ޑޮކްޓަރެއްގެ ބަސްކޮޅެއްވެސް ހިމަނާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *