ފެމިލީ ކޯޓް

ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކުއްޖެއްގެ ހަރަދުތައް ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީ ކޯޓުން އަމުރުކޮށްފި އެވެ.

މިއީ މިފަދަ އަމުރެއް ރާއްޖޭގެ ކޯޓަކުން ނެރުނު ފުރަތަމަ ފަހަރު ކަމަށްވާއިރު ދައުލަތުން ބަލާ ކުއްޖެއްގެ ބައްޕަގެ މައްޗަށް އަމުރުކޮށްފައިވަނީ މަހަކު 16000 އަށްވުރެ ރުފިޔާ ދައުލަތަށް ދެއްކުމަށެވެ.

މި ގޮތަށް ފެމިލީ ކޯޓުން ނިންމީ މައިންބަފައިންގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައިނުވާތީ އާއި ކުއްޖާގެ އާއިލާގައި ކުއްޖާއާއި ހަވާލުވާނެ ފަރާތެއް ނެތުމުން ކަމަށް ކޯޓުން ބުނެފައިވެއެވެ. އަދި އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ގާނޫނުގައި ބުނާ ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު ކުއްޖާގެ އެންމެހާ ހަރަދުތައް ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ލިބިދިނުމަށް އަމުރުކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅުމުންނެވެ.

މި މައްސަލައިގައި ހިމެނޭ ކުއްޖާ ބެލެހެއްޓުމަށް ހިންގާނެ ޚަރަދު ކަނޑައެޅުމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފަވާ ތަނުގެ ކަރަންޓް އަދި ފެނުގެ ހަރަދު ހިމެނެއެވެ. އަދި ފެމިލީ ކޯޓުން ރިއާޔަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި، ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އެތަނުގައި މަސައްކަތްކުރާ ޤުރުއާން މުދައްރިސުންގެ މުސާރައަށް ބަލާ ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބޭ ކުދިންގެ ތެރެއިން ކުއްޖަކަށް ޖެހޭ ހަރަދުގެ މިންވަރަށެވެ.

މިހުރިހާ ކަމަކަށް ބެލުމަށްފަހު ކުއްޖާގެ ބައްޕަގެ ރުހުމާއެކު، ފެމިލީ ކޯޓުން ނިންމާފައިވަނީ ކުއްޖާގެ ހަރަދަށް ކޮންމެ މަހަކު 16219 ރުފިޔާ ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭގޮތަށެވެ.

ކުދިންގެ އަސާސީ ޙަރަދުތައް ބެލެހެއްޓުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށްވުމުން، މައިންބަފައިން ދުނިޔޭގައި ތިބެ ކުއްޖާ ބަލަމުން ގެންދަނީ ދައުލަތުން ނަމަ، ނުވަތަ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކަނޑައެޅޭ ފަރާތަކުން ކުއްޖާ ބަލަހައްޓާނަމަ އެފަރާތަކާއި ކުއްޖާގެ މައިންބަފައިން، ކުއްޖާގެ ހަރަދު ހަވާލުކުރުމަށް، އެ ޤާނޫނުގެ 43 ވަނަ މާއްދާގައި ލާޒިމްކޮށްފައިވެއެވެ. އަދި ހަރަދު ދިނުމުގައި އިހުމާލުވެއްޖެނަމަ މައިންބަފައިން ޒިންމާދާރުކުރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *