މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރި ޕާޓީ އިސްވެ އޮވެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ބޭނުން ނުވާ ކަމަށް ޑރ. މުނައްވަރާއި އެންއެންޕީން އަދި ޕީޕީއެމް އާއި އުމަރު ނަސީރުވެސް ނިންމަވައިފިއެވެ.

ޖުމްހޫރީ ޕާޓީން ވަނީ އިއްޔެ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ. އަދި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި އެކު ކޯލިޝަން ހެދުމުގެ ދައުވަތުގެ ސިޓީގައެވެ.

ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށް ފޮނުވި ދައުވަތާއި ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، އެ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޤާސިމްގެ ފަހަތަށް އަރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 އަށް އެ ޕާޓީން ނިކުންނާނެ ކަމަށާއި އަދި ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

އެމްއެންޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީއާއި އެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ދައުވަތު 3 އޭފްރީލް 2023 ގައި ލިބިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިއްޔެ ޖޭޕީ އާއި އެކު ބައްދަލުވުމެއްވެސް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމެއްގައި ނިންމި ގޮތުގެ މައުލޫމާތު ހާމަކޮށް އެ ޕާޓީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގައި އެއްވެސް ބަޔަކާއިއެކު ކޯލިޝަން ނުހެދުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ދައުވަތު ރަނގަޅަށް ކިރާ ވަޒަން ކުރުމަށްފަހު އެ ޕާޓީ އިން ނިންމާފައިވަނީ އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު މީޑިއާތަކަށް ވިދާޅުވެފައިވަނީ އޭނާއަކީ އެއްވެސް މީހެއްގެ ފޮލޯވަރެއް ނޫންކަމަށާއި، ރިޔާސީ އިންތިހާބުގައި އޭނާ އެއްވެސް މީހެއްގެ ފަހަތަކަށް ނާރުއްވާނެ ކަމަށެވެ. އެހެންނަމަވެސް އޭނާއާއި އެކު ކޯލިޝަން ހަދާ އުމަރުގެ ފަހަތަށް އަރަން ބޭނުން ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތް ކުރާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީއެއް ނެތްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ވިސްނުން ދޫކޮށްލާފައި އެހެންބައެއްގެ ފަހަތަކަށް ނާރުއްވާނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވެފައިވެއެވެ.

ޖޭޕީން ކޯލިޝަންގެ ދައުވަތު ފޮނުވި ހުރިހާ ފަރާތްތަކުގެ ތެރެއިން ވަކި ގޮތެއް މިވަގުތު ނުނިންމާ އޮތީ އެމްއާރްއެމްއިންނެވެ. ޖޭޕީ އާއި އެކު ކޯލިޝަން ހެދުމަށް މިއަދު ގޮތެއް ނިންމާނެ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *