ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރައްވައި، ފާއިތުވެ ދިޔަ އަހަރުތަކުން ފެށިގެން ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އެގޮތުގައި ދަމަހައްޓާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ވައިސް ޗެއަރމަން، ޑަން ބޮކިންގ މިއަދު ހެނދުނު އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމާއި ޞިއްޙީ ޚިދުމަތްތަކާއި ޢުމުރާނީ ތަރައްޤީގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެނޫންވެސް މުހިންމު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ބޭނުންވާކަން ފާހަގަކުރައްވައި، ވިލުންވެެރި މުޖުތަމަޢެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޚާއްޞަގޮތެއްގައި ބޭނުންވެފައި ވަނީ، މާލީ އެހީކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސީ.އައި.ޑީ.ސީ.އޭގެ ވައިސް ޗެއަރމަން ވަނީ، ދިވެހިރާއްޖެއާއި ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ފާއިތުވެ ދިޔަތަނުގައި، ދެޤައުމުގެ ގުޅުންބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ވައިސް ޗެއަރމަންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ މިގުޅުން، ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *