ހަށިގަނޑުގައި ފޮރުވައިގެން ރަން އެތެރެކުރަން މަސައްކަތްކުރި އިންޑިޔާ މީހަކު 120،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ޖޫރިމަނާކޮށްފައިވަނީ ހާރިފް މެލަޑެތު އަބޫބަކެރު ކިޔާ މީހެކެވެ.
2022 ޖޫންމަހުގެ ތެރޭ އޭނާ ރާއްޖެ އައިއިރު، އޭނާގެ ހަރަކާތްތައް ހުރިގޮތުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެ އޭނާގެ ހަށިގަނޑު ސްކޭން ކުރިއިރު، ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިހަކަމަށް ފާހަގަކުރެވުނު ކަމަށް ޕީޖީން ކުރި ދައުވާގައިވެއެވެ.
އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ދެފައިގެ ކަށިމަތީގައި މާސްކިން ޓޭޕް އަޅައި ތަތް ކޮށްފައިވާ ރަން ހުރިކަމަށް ދައުވާގައިވެ އެވެ. ރަނުގެ ބަރުދަނުގައި ޖުމްލަ 2 ކިލޯއަށްވުރެ ގިނައިން ހުރިކަމަށްވެއެވެ.
އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ ރަން އެތެރެ ކުރީ ސިއްރުން ނޫން ކަމަށާއި އެއީ ކުށެއްކަންވެސް އެނގިފައިނުވާ ކަމަށެވެ.
އޭނާ ވަނީ ޝަރީއަތުގެ މަރުހަލާގައި ކުށަށް އިއުތިރާފްވެ، އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ. 120،000 ރުފިޔާއިން ޖޫރިމަނާކުރީ އިއުތިރާފަށް ރިއާޔަތްކޮށެވެ.