ފިލިޕީންސްގައި ދިވެހި ދަރިވަރަކު އެކްސިޑެންޓްވެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ފުވައްމުލައް ސިޓީ އަށް ނިސްބަތްވާ، ލުހެއިމް މުހައްމަދު އިސްމާއީލް (21 އ) އަށެވެ.
އޭނާއަކީ ޕައިލެޓް ކޯސް ފުރިހަމަކުރަމުންދިޔަ ދަރިވަރެކެވެ.
އެކްސިޑެންޓްވީ އޭނާ ދުއްވަން އިން ސައިކަލު އެހެން ވެހިކަލެއްގައި ޖެހިގެންނެވެ. އެކަމަކު އެކްސިޑެންޓްގެ ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓްގައި ބޮލަށާއި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. މިވަގުތު އޭނާއަށް ދަނީ ފަރުވާދެމުންނެވެ.