މިދިޔަ އަހަރުގެ ޖެނުއަރީ މަހު މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ޔޫތު މިނިސްޓްރީއަށް ފޮނުވި ޗާޓުގައިވެސް މާލޭގެ 353 ނަމްބަރު ކޮށްޓަކީ ޔޫތު މިނިސްޓްރީގެ ތަނެއްކަން ހާމަވާކަމަށާއި އެއީ ވޯލީބޯޅަ އިންޑޯ އިމާރާތް އެޅުމަށް ހަމަޖެހިފައި އޮތް ބިންކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ޔޫތު މިނިސްޓްރީގެ ބިމަކަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ އެތަނުގައި ހުރި މުދާ ގާނޫނާއި ގަވާއިދާއި ޚިލާފަށް ސިޓީ ކައުންސިލްގެ ވެހިކަލްތަކަށް އަރުވައިގެން ގެންދިޔުމަށް މަސައްކަތްކޮށް، ބައެއް މުދަލަށް ގެއްލުން ދީފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ ގުދަނުގެ ތަޅު ހަލާކުކޮށްލައި، އައު ތަޅެއްލައި މުދާ ނެގުމަށް މާލެ ސިޓީ ކައުންސިލުން ހިންގާފައިވާ އަމަލަކީ މިނިސްޓްރީގެ ބިމަކަށް ވެރިވެގަނެ ހިންގާފައިވާ ޖިނާއީ ކުށުގެ އަމަލެއްކަމަށް މިނިސްޓްރީން ދެކެއެވެ.

"މިނިސްޓްރީގެ ހުއްދަ ނެތި، މިނިސްޓްރީގެ މުވައްޒަފުންގެ ޣައިރު ހާޒިރުގައި މިނިސްޓްރީގެ ގުދަނެއްގައި ރައްކާކޮށްފައިވާ މުދަލެއްގައި ސިޓީ ކައުންސިލަށް އަތް ލެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ"

މިނިސްޓްރީގެ ބިމަކަށް ވަދެ ސިޓީ ކައުންސިލުން ގެއްލުން ދިން ކަމަށް ބުނެ މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ އިއްޔެ ޓުވީޓެއްޗެސް ކުރައްވާފައެވެ.

އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، މާލޭ 353 ނަމްބަރު ކޮށީގައި ހުންނަ މިނިސްޓްރީގެ ގުދަނަކީ ކޮންބައެއްގެ ތަނެއްކަން ނޭނގޭކަމަށެވެ.

މިނިސްޓްރީން ބުނާ ގޮތުގައި މާލޭގެ 353 ނަންބަރު ކޮށްޓަކީ 15 މެއި 2019 ގައި، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި،  އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެކެވެ.

އަދި އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ 27 ނޮވެމްބަރ 2019 ވަނަ ދުވަހު އެ މިނިސްޓްރީއަށް ދީފައެވެ.

މީގެ އިތުރުން، 16 ޖަނަވަރީ 2022 ވަނަ ދުވަހު މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ މިނިސްޓްރީއަށް ފޮނުވި ޗާޓުގައިވެސް މިބިމަކީ އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއް ކަން ސާފުކޮށް އެނގޭކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ބިމަކީ ވޮލީބޯޅަ އިންޑޯ އިމާރާތް އެޅުމަށް ޕްލޭންކުރެވިފައިވާ ބިން ކަމަށް ވުމުން، އެ ބިމުގައި ވޮލީގެ އިމާރާތް އެޅުމަށް ކޮންސެޕްޓް ކުރެހުންތައް ކުރަހައި، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހަޅައި 05 ޖޫން 2021 ވަނަ ދުވަހު ކޮންސެޕްޓް ފާސްކޮށްފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

"ކޮންސެޕްޓް ފާސްކުރެވުމާއެކު މިމިނިސްޓްރީއިން ވާނީ 23 ޖޫން 2021 ވަނަ ދުވަހު ވޮލީ އިމާރާތުގެ ޑީޓޭލްޑް ޑްރޯވިންގ ފާސްކޮށް ދެއްވުމަށް އެދި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައި، އެހެންނަމަވެސް، މާލޭ ސިޓީ ކައުންސިލުން މިތަނުގެ ޑީޓޭލްޑް ޑްރޯވިންގ ފާސްކޮށްނުދީ ލަސްވަމުން ދިއުމުގެ ސަބަބުން، 20 ޖަނަވަރީ 2022 ގައި ވެސް މިނިސްޓްރީއިން ވާނީ ޑީޓޭލްޑް ޑްރޯވިންގ ފާސްކޮށްދެއްވުމަށް އެދި ސިޓީ ފޮނުވާފައި"

އެހެންކަމުން މިކަމުގައި ސިޓީ ކައުންސިލުން މަސައްކަތްކޮށްފައިވަނީ ކަމުގެ ހަގީގަތް އޮޅުވާލައި މިނިސްޓްރީ ބަދުނާމުކުރުމަށް ކަމަށް ޔޫތު މިނިސްޓްރީން ދެކެއެވެ.

މި ބިމުގައި ވޮލީގެ އިމާރާތް ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލާއި މިމިނިސްޓްރީއާ ދެމެދު 2019 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ މުއާމަލާތްތަކުން މިބިމަކީ މިމިނިސްޓްރީގެ ބިމެއްކަން ސާފުކޮށް މާލޭ ސިޓީ ކައުންސިލަށް އެނގެން އޮންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މި މުއާމަލާތްތައް ހިނގަމުންދިޔައިރު، މި ބިމަކީ މާލޭ ސިޓީ ކައުންސިލުގެ ބިމެއް ކަމަށް އެންމެ ފަހަރަކުވެސް ސިޓީ ކައުންސިލުން ބުނެފައިނެތް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *