ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ އެކި ނަންނަމުގައި ހިންގަމުން އަންނަތާ 22 އަހަރުވެފައިވާ ސަރުކާރުގެ އިދާރާއެކެވެ. މިއަދު އެ ކުންފުނީގައި 1600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. މީގެ 22 އަހަރު ކުރިން ހުޅުމާލެ ތަރައްޤީކުރުމަށް އުފެއްދި ކުންފުނި މިއަދު މިވަނީ 'އާބަނައިޒޭޝަން' ގެ ކުލަ މުޅި ރާއްޖޭގައި ޖެއްސުމުގެ އަމާޒު ހިފާ ކުންފުނީގެ ނަން "އާބަންކޯ" އަށް ބަދަލުކޮށްފައެވެ.

އާބަންކޯ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިން: ފޮޓޯ: އެޗްޑީސީ
އެޗްޑީސީއަށް 22 އަހަރު ފުރުނުއިރު އެ ކުންފުނީގެ ބްރޭންޑް "އާބަންކޯ" މިއަދު މިވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ.

އާބަންކޯ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ކުންފުނީގެ މުވައްޒަފުން، މުވައްޒަފުންގެ ޔުނިފޯމުވެސް ވަނީ ބަދަލުވެފައި: ފޮޓޯ: އެޗްޑީސީ
ހުޅުމާލެއަށް ޒަމާނީ ކުލަޖައްސައިދީ ހުޅުމާލެއަށް ތަހުޒީބު ސިޓީއެއްގެ ސިފަތައް ގެނެސްދީ ރޭވުންތެރިކަމާއި އެކު ހުޅުމާލެ ތަރުތީބުކުރުމުގެ މޭސްތިރީންނަކީ އެޗްޑީސީގެ އެހާރާއި މިހާރުގެ ވެރިންނާއި ހީވާގި މުވައްޒަފުންނެވެ.
އާބަންކޯގެ އަމާޒަކީ ޒަމާނީ ތަރައްޤީ އާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލޭގައި ހުންނަ އެޗްޑީސީ ބިލްޑިންގެ ބޭރުގައިވާ ނަމާއި ލޯގޯވެސް މިހާރު ވަނީ އާ ބްރޭންޑް 'އާބަންކޯ' އަށް ބަދަލުކޮށްފައެވެ.
އާބަންކޯ' މި ބްރޭންޑުން ދޭހަކޮށްދެނި އެ ކުންފުންޏަކީ ހަމައެކަނި ހައުސިން މަޝްރޫއުތައް ހިންގާ ކުންފުންޏެއް ނޫން ކަމާއި، މިހާރު އެއީ ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމެންޓް ކުންފުނިކަމެވެ.
މިއަދު އާބަންކޯއަށް ވެފައިވާ ކުންފުންޏަކީ 22 އަހަރު ކުރިން ރައީސް އޮފީހުގައި އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ވަކި ޔުނިޓެކެވެ.