ރައީސް ސޯލިހާއި ގާސިމް

ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ޖޭޕީން ވަކިވެވަޑައިގަންނަވަނީ މަގާމު ދިފާއުކުރެއްވުމަށް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ އައްސަވާފައެވެ.

ސަރުކާރު ކޯލިޝަން ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ޖޭޕީއިން މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ސޯލިހަށް ތާއިދުކުރައްވާ ކޯލިޝަން ހެއްދެވުމަށް އެމްޑީޕީން ދިން ދައުވަތު ގަބޫލުފުޅު ނުކުރައްވާ ޤާސިމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މި ސަރުކާރުގައި ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޤާސިމް ރިޔާސީ އިންތިހާބަށް ނުކުންނެވުމުން އެކަމާއި މެދު ހިތްހަމަނުޖެހޭކަން ހާމަކުރައްވާފައެވެ. އަދި މިވަގުތު ޤައުމީ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުން ކަމަށް ވިދާޅުވެ  ބައެއް ބޭފުޅުން ވަނީ ޖޭޕީން ވަކިވެވަޑައިގަންނަވާފަ އެވެ.

އޭގެތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު (ހަނަފީ) އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު އަދި ޗައިނާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ ސޮބާހް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

އަދި ޖޭޕީން ވަކިވެވަޑައިނުގެންނެވި ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމުވެސް މިއަދު ވަނީ ކުރައްވާފައެވެ. މިވަގުތު ވަކި ގޮތެއް ނުނިންމަވާ ތިއްބެވި ޖޭޕީއަށް ނިސްބަތްވާ ކެބިނެޓް ވަޒީރުންނަކީ ޤާސިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަދި ފިޝަރީޒް މިނިސްޓްރ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *