ބަންގްލަދޭޝްގެ ސަރުކާރުން ހުއްދަދީފައިވާ ތަޢުލީމީ މުއައްސަސާތަކުގައި ކިޔަވަމުންދާ އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދިވެހިރާއްޖޭގެ ދަރިވަރުންނަށް އެދަރިވަރުންގެ ކޯހުގެ މުއްދަތު ފުރިހަމަވަންދެން ދިގު މުއްދަތުގެ ވިސާ ހަމަޖައްސައިދިނުމަށް ބަންގަލަދޭޝް ސަރުކާރުން ނިންމަވައިފި އެވެ.

މިނިންމެވުމުގެ ސަބަބުން ބަންގްލަދޭޝްގައި ތަޢުލީމު ޙާސިލު ކުރަމުންދާ ދަރިވަރުންނާއި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން، އެޤައުމުގެ ސަރުކާރުން ޤަބޫލުކުރާ ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނަށާއި ތަޢުލީމު ޙާސިލުކުރުމަށްފަހު ތަޖުރިބާ ޙާސިލުކުރުމަށް އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އެ ދަރިވަރުންގެ ކޯހުގެ މުއްދަތު ހަމަވަންދެން އެޤައުމުގައި ތިބުމަށް ދިގު މުއްދަތުގެ ވިސާ ލިބިގެންދާނެ އެވެ. މިއީ އެޤައުމުގައި ތަޢުލީމު ޙާޞިލުކުރަމުންދާ އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް ލިބިގެންދާނެ ލުއިފަސޭހައަކަށް ވާނެ އެވެ. އަދި ކުރިއަށް އޮތް ތާނގައި އެޤައުމަށް ކިޔަވަންދިއުމަށާއި އިންޓާންޝިޕް ފުރިހަމަކުރުމަށް ދާން ޤަސްދުކުރާ ދަރިވަރުންނަށް ވެސް ލިބޭނެ ލުއި ފަސޭހައަކަށް ވާނެ އެވެ.

މީގެ ކުރިން ބަންގްލަދޭޝްގައި ކިޔަވާ ދަރިވަރުންނާއި އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކުން ކޮންމެ އަހަރަކު ވެސް ވިސާ އައު ކުރަން ޖެހެ އެވެ. އަދި ވިސާ ހޯދުމުގައި ވެސް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. ނަމަވެސް، ބަންގްލަދޭޝް ސަރުކާރުގެ މިނިންމެވުމާއެކު ވިސާ ހޯދުމުގައި އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހި ކޯހުގެ މުއްދަތަށް ވިސާ ލިބިގެންދާނެ އެވެ.

ބަންގްލަދޭޝް ސަރުކާރުން ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދިނުމަށް ނިންމަވާފައި މިވަނީ މިކަމާ ގުޅޭގޮތުން ދެޤައުމުގެ އިސް ވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެގޮތުން، 2021ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައާއި ނައިބު ރައީސް އަލްފާޟިލް ފައިޞަލް ނަސީމް ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މިކަމާ ގުޅޭގޮތުން ބަންގްލަދޭޝްގެ އިސް ވެރިންނާއެކު މަޝްވަރާކުރައްވާފައެވެ. އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޙް ހަސީނާ، ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދިނުމަށް ވަނީ ނިންމަވާފައެވެ.

ބަންގްލަދޭޝް ސަރުކާރުގެ މިނިންމެވުމާ އެކު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝް ސަރުކާރަށާއި އެޤައުމުގެ ޚާރިޖީ ވަޒީރު، އޭ.ކޭ. ޢަބްދުލް މުއުމިން އަށް ޝުކުރު އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *