ބަޔަކު މާލެއިން ފުރަން ތައްޔާރު ވެގެން -- ފޮޓޯ: ސަން

ރާއްޖޭގައި ދިރިއުޅޭ މީހުންގެ އަދަދު ބައި މިލިއަނުން މައްޗަށް އަރާފައިވާ ކަމަށް ބޯހިމެނުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން 2022ގެ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތައް އާންމުކުރިއިރު މިހާރު ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 515،122 އެވެ. މީގެތެރޭގައި ހިމެނެނީ 382،751 ދިވެހިނާއި 132،371 ބިދޭސީންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 26 އިންސައްތަ ހިއްސާކުރަނީ ބިދޭސީންނެވެ. އެހެންކަމުން އެވްރެޖްކޮށް ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ ނުވަ އަހަރު ކުރިން ރާއްޖޭގެ އާބާދީގައި ބިދޭސީންގެ އަދަދަކީ 63،637 މީހުންނެވެ. އެހެންކަމުން މިދިޔަ ނުވަ އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިވަނީ ދެގުނައަށް ވުރެ ވެސް އިތުރުވެފަ އެވެ.

އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ދިވެހިންނާއި ބިދޭސީންނާ އެކު 212،000 މީހުން މިހާރު ދިރިއުޅެ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން 31 ޕަސަންޓް މީހުން ހުޅުމާލޭގައި ދިރިއުޅޭއިރު މިދިޔަ ނުވަ އަހަރު ތެރޭގައި އާބާދީ އެންމެ ބޮޑަށް އިތުރުވީ ވެސް ހުޅުމާލޭގަ އެވެ. އެއީ 16 ޕަސެންޓްގެ އިތުރުވުމެކެވެ.

ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫ ސިޓީގައެވެ. އައްޑޫގައި ސިޓީގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 5 އިންސައްތަ ނުވަތަ 25،053 މީހުން ދިރިއުޅެއެވެ. 3 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ ހދ.އަތޮޅުގައެެވެ. ހދ،.އަތޮޅުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 4 އިންސައްތަ ނުވަތަ 22،534 މީހުން ދިރިއުޅެމުން އާދެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ޖުމުލަ 52,396 މީހުން ދިއުޅެ އެވެ. މީގެތެރޭގައި ހިމެނޭ ދިވެހިންގެ އަދަދަކީ 15,689 އެވެ. އަދި ބިދޭސީންގެ އަދަދު 36,707 އަށް އަރަ އެވެ. އަދި ސިނާއީ ރަށްތަކުގައި ދިރިއުޅޭ ޖުމްލަ އާބާދީ 13,841 އަށް އަރާއިރު މީގެެތެރޭގައި ހިމެނެނީ 1,677 ދިވެހިންނާއި 12,164 ބިދޭސީންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *