ތިލަމާލޭ ބްރިޖް މަޝްރޫއުގެ ދަށުން ވިލިމާލެ ފަޅިން ކަނޑުގައި ޖަހާ ތަނބުތަކުގެ މަސައްކަތް މިހާރު ފަށައިގެން ކުރިޔަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ބްރިޖް މަޝްރޫގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށާއި، މި ވަގުތު ކުރިޔަށްދަނީ ވިލިމާލޭއާއި ގުޅާލާ ބައިގައި ހިމެނޭ މަސައްކަތްތައް ކަމަށެވެ.
ބްރިޖް މަޝްރޫއާއި ހަވާލުވެ ހުންނެވި ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ދައުލަތުގެ މީޑިއާގައި ވިދާޅުވީ ކަނޑުގައި ޖަހާ 8 ތަނބެއްގެ ޕައިލިންގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. މީގެ ތެރެއިން ވިލިމާލެ ފަޅިން 6 ތަނބެއްގެ މަސައްކަތާއި މާލެ ފަޅިން 2 ތަންބެއްގެ ޕައިލިންގެ މަސައްކަތް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބްރިޖް ގުޅާލާ ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް މާލޭގައި ކުރަމުންދާ ކަމަށްވެސް ޖިނާން ވިދާޅުވިއެވެ.
އަދި ބްރިޖުގެ މަސައްކަތަށް ބޭނުންވާ ސާމާނާ އުޅަނދުތައްވެސް ރާއްޖެއަށް އަންނަމުންދާނެ ކަމަށާއި، ކުރިން މަސައްކަތް ކުރި އުޅަނދެއް ދިޔަ ނަމަވެސް ބްރިޖް މަޝްރޫއަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
ޕްލޭނިން މިނިސްތްރީން ލަފާކުރާ ގޮތުގައި މާލެއިން ގުޅީފަޅާއި ހަމައަށް ބުރިޖު ގުޅާލުމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރާއި ހަމައަށް ނިމޭނެއެވެ.
އަދި ތިލަފުއްޓާއި ހަމައަށް ބުރިޖު ގުޅާ ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2024 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.
ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން މާލެއާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ މި ބްރިޖް މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒްވޭ އާއި 6.7 ކިލޯމީޓަރުގެ މަގުތަކުގެ ނެޓްވޯކު ހިމެނެއެވެ.
މީގެ އިތުރުން ގުޅާލާ ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫއަކީ 500 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ މެގަ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އިތުރަށް ކުރަން ޖެހޭ ހަރަދުތައް ކުރާނީ ދައުލަތުގެ ބަޖެޓުންނެވެ.