ކޮންމެ މީހަކަށްވެސް ސިމް ކާޑު ނެގޭނެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ އެކެއްގެ ނަމުގައި ގިނަ ސިމްތަކެއް ނަގާފައިވާނަމަ އެ މީހެއްގެ އައިޑެންޓިޓީ އާއި ސިމްތައް ވެރިފައި ކުރާނެކަމަށެވެ.
ފަހަކަށް އައިސް ސްކޭމް ކޯލްތައް އިތުރުވެފައިވާއިރު މިފަދައިން ނަގާފައިވާ ސިމްތަކަކީ ކުށްކުރުމަށް ނަގާފައިވާ ސިމްތައްކަމަށް ބެލެވޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިއަލަށް ސްކޭމް ކޯލްތަކާއި ގުޅުންހުރި 220 އަށްވުރެ ގިނަ މައްސަލަ އެއިދާރާގައި 2022 ވަނަ އަހަރު އެކަނިވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ސްކޭމް ކޯލްތައް ކުރުމަށް ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި ކޮންމެ މީހަކަށް 5000 ސިމް ރަޖިސްޓްރީކޮށްފައިވާކަމަށް ފުލުހުން ދާދިފަހުން ވަނީ ބުނެފައެވެ.
މި ސިމް ކާޑުތައް ސްކޭމް ކުރާ މީހުންނާއި ޓެރަރިސްޓުންނާއި އެނޫންވެސް އެކި ކުށްތައް ކުރާ މީހުން ބޭނުންކުރާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.