މިފްކޯއިން ރައްކާތެރިކަމާއި އެކު ވިސްލްބްލޯ ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފިއެވެ.
އެ ކުންފުނިން ބުނީ އެ ނިޒާމް ގާއިމުކުރީ، މިފްކޯގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ވިސްލްބްލޯ ކުރާ ނިޒާމަކީ ކުންފުނީގެ މުދަލާއި، ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބަލަހައްޓާ ބޭނުންކުރުމުގައްޔާއި ކުންފުނީގެ އޮޕަރޭޝަނުގައި ކުންފުންޏަށް ގެއްލުންވާނޭހެން އުސޫލުތަކާއި ޚިލާފަށް އެތެރޭގައި ހިނގާ ކަންކަން ކުންފުނީގެ އިންޓާރނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މަގިފަހިކޮށްދިނުމަށްޓަކައި އުފެއްދިފައިވާ ޚާއްސަ ނިޒާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ވިސްލްބްލޮވަރ ނިޒާމުގެ ތެރެއިން ކުންފުނީގެ މުވައްޒަފުންނާއި އާންމުންނަށްވެސް މައްސަލަ ހުށަހެޅިދާނެ ކަމަށާއި ވިސްލްބްލޯ ކުރާ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މައްސަލަ ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ޚާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖެހިފައި ކަމަށް މިފްކޯއިން ބުންޏެވެ.
އެގޮތުން އެ ނިޒާމަކީ ކުންފުނީގެ މެނޭޓްމަންޓުގެ ބޭރުން، އިންޓަރނަލް އޮޑިޓް ޑިޕާޓުމަންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއަށް ރިޕޯޓުކުރެވޭ ގޮތަށް އެކުލަވާލެވިފައިވާ މިނިވަން ނިޒާމެއް ކަމަށާއި އަދި އެކުލަވާލެވިފައިވާ އެ ނިޒާމްގެ ދަށުން މައްސަލައެއް ރިޕޯޓް ކުރާފަރާތުގެ ވަނަވަރު ނޭނގޭގޮތަށް ނުވަތަ 'އެނޮނިމަސް' ކޮށް ވެސް ރިޕޯޓު ކުރެވޭނެ ގޮތް ވަނީ ހަމަ ޖައްސާފައި ކަމަށެވެ.