ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ ނިމެންދެން ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑު ޖައްސާލުމުގެ ވަގުތީ އަމުރަކަށް ހައިކޯޓުގައި އެދިއްޖެއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ވެރިކަމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ޔާމީން ވަނީ 1.1 މިލިއަން ޑޮލަރު ހޯއްދަވާފައެވެ. އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޑެޓާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށް ފަށަލަކޮށްފައިވާ ކަމުގެ ތުހުމަތު ރައީސް ޔާމީންނަށް ކުރެއެވެ.
ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ، ޝަރީއަތުގެ ކުރިން ރައީސް ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި ގިނަ ހުށަހެޅުންތައް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލައަށް ގޮތެއް ނިމެންދެން ފުއްގިރީގެ މައްސަލައިގެ އަޑުއެހުންތައް މަޑު ޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދިފައެވެ. ދައުލަތުން ވަނީ މިކަމުގައި އިއުތިރާޒެއް ނެތްކަމަށް ހާމަކޮށްފައެވެ.
މިއަދުގެ އަޑު އެހުމުގައި ވަގުތީ އަމުރެއް ނެރެދިނުމާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައި ނުވެއެވެ.
ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ވ. އާރަށުގެ މައްސަލައިގަ ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒްކުރަމުންނެވެ.