ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދެވަނަ ދައުރަކަށް ގެނައުމަށް ކެރިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ގުޅީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ، ރައީސްގެ ވަރަށް ގާތް އަދި ވަރަށް އަރިސް ބޭފުޅުން އެމަނިކުފާނާ ދޭތެރޭ އަމަލުކުރަނީ ފަހަތުން ވަޅި ޖަހާ އުސޫލުން ކަމަށެވެ.
ބައެއް މީހުން ރައީސް ޞާލިހް އަށް ރިއެކްޓް ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، ރިއެކްޓް ކުރަން ޖެހިވަޑައިގަތީމާ އަދި ވަގުތާއި ހާލަތު ދިމާވީމާ ރައީސް ރިއެކްޓް ކުރައްވާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
މީގެ ކުރިން ވެރިކަމުން ފެނިގެން ދިޔައީ އަނިޔާވެރިކަން ނަމަވެސް، ރައީސް ޞާލިހުގެ ވެރިކަން ތަފާތުކަމަށް ސަމީރު ވިދާޅުވިއެވެ. ކުރީގެ ދައުރުތަކުން ފެނިގެން ދިޔަ އެއްވެސް އަނިޔާވެރިކަމެއް، އަދި ރައްޔިތުންނާއި ދެކޮޅު ކަންތަކެއް ފާހަގަ ނުކުރެވޭކަމަށް ވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.
ބައެއް ބޭފުޅުން ރައީސް ސޯލިހު ދެކެ ހިތްހަމަ ނުޖެހެނީ އެ މީހުންނަށް ނުލިބޭ ފުރުސަތުތަކާއި ތާއީދު ރައީސަށް ލިބޭތީ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.