ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމާއި ރަށުތެރެ ބެލެހެއްޓުމާއި މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މި ރަމަޟާން މަހުވެސް ބޭނުންވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން، ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ، ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިދޮރު، ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަންވެސް ވައްކަންކުރުމަށް މަގުފަހިނުވާނޭހެން ރަނގަޅަށް ތަޅުލުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ފުލުހުންގެ އިލްތިމާސް ކުރަނީ  ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށެވެ.

އޭގެ އިތުރުން، ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް ފުލުހުން އެދެއެވެ.

އަދި އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް އިލްތިމާސްކުރަމެވެ.

މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ ފަރުދަކުވެސް ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށްވެސް  ފުލުހުން އިލްތިމާސްކުރެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *