މާރާމާރީއަކާއި ގުޅިގެން ފުލުހުން ހޯދަން އިއުލާނުކުރިތާ އެއްމަސް ދުވަސްފަހުން އިއްޔެ އަމިއްލައަށް ފުލުހަށް ހާޒިރުވި އިބްރާހިމް ފައިހް ނިޒާމްގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ފައިހްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އުމުރުން 25 އަހަރުގެ ފައިހު ފުލުހުންގެ ބެލުމިގެ ދަށަށް ގެންދިޔައީ ރޭގެ ވަގުތެއްގައި އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުންނެވެ.
އިއްޔެ ފުލުހުން ވަނީ ފައިހް ހޯދުމަށް މާލެގައި ފައިހް ބޮޑު އޮޕަރޭޝަނެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.
ފައިހް ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހަފްތާގައި ވަނީ ދިވެހި 5 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން މިހާރު ވަނީ ދެ މީހަކު ދޫކޮށްލާފައެވެ. އަދި ބާކީ ތިބި ތިން މީހަކަށް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.