ގދ. މަޑަވެލީގައި އިއްޔެ ހިނގި މާރާމާރީއެއްގައި އަންހެން ކުއްޖަކަށް އަނިޔަކުރި 33 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމައިފިއެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު މަޑަވެލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 33 އަހަރުގެ ފިރިހެން މީހާ ވަނީ އޭނާގެ ލޯބިވެރިޔާ ކޮއްޕާލާ ބިންމައްޗަށް ވައްޓާލުމަށްފަހު އެއް އަތުގައި ހިފައިގެން މަގުމަތީގައި ދަމާފައި ގެންގޮސް އިތުރަށް އަނިޔާކޮށްފައެވެ.
މި އަނިޔާތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު މަޑަވެލި މީހުން ބުނަނީ އެ އަންހެން ކުއްޖާއަކީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.
އެ ދެމީހުންގެ މެދުގައި ހިނގި ޒުވާބަކަށްފަހު ފިރިހެންމީހާ އަންހެން ކުއްޖާއަށް އަނިޔާކުރުމުން ފުލުހުން ވަނީ ކުށުގެ ވެށިން ފިރިހެން މީހާ ހައްޔަރުކޮށްފައެވެ. އަދި އަންހެން މީހާއަށް މަޑަވެލި ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް އިއްޔެ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހްޤީގް ކުރަމުންނެވެ.