މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު 2023، ކަވަރު ކުރެވޭނީ ނޫސްވެރިން ހާއްސަ ތަމްރީނެއް ހަދައިގެން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިހާބު 2023 ގެ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ މިނިޓަރުންނާއި އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު މިމަހު 25 ގައި ހުޅުވާލާނެ ކަމަށެވެ. އަދި މިއަހަރުވެސް ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި ނޫސްވެރިންނަށް މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ކަމަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ބައެއް ބައިވެރިން - ފޮޓޯ: އީސީ
ހަބީބު ވިދާޅުވީ މީގެ ކުރިން އިންތިހާބު ކަވަރުކުރުމަށް ނޫސްތަކުން ނަން ހުށަހެޅުމުން، އެ ރިޕޯޓަރުންނަށް މާ ބޮޑު ތަމްރީނެއް ނެތި އިންތިހާބު މިނިޓަރ ކޮށް ކަވަރުކުރުމުގެ ފުރުސަތު ދިން ނަމަވެސް މިއަހަރު އެ ފުރުސަތު ދެވޭނީ ހާއްސަ ތަމްރީނެއް ފުރިހަމަ ކުރާ ނޫސްވެރިންނަށް އެކަނި ކަމަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ބައެއް ބައިވެރިން - ފޮޓޯ: އީސީ
ހަބީބު ވިދާޅުވީ މީގެ ކުރިން ނޫސްތަކުން ރިޕޯޓަރުންގެ ގޮތުގައި ފޮނުވާ ބައެއް ފަރާތްތަކުން ވޯޓޫލާ މަރުކަޒުގެ ވެރިޔާއާއި މާރާމާރީ ހިންގުމާއި ގަވާއިދާއި ހިލާފަށް މިސާލަކަށް ކެމްޕެއިން ކުރުންފަދަ ކަންކަން ވޯޓުލާ މަރުކަޒުގެ ތެރޭގައި ހިނގާ ކަމަށެވެ.
އަޅުގަނޑުމެންނަށް ފާހަގަވީ ބައެއް ފަހަރަށް ނޫސްތަކުން ސިޔާސި ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ރިޕޯޓަރުންގެ ގޮތުގައި ފޮނުވާ. މީގެ ސަބަބުން އަޅުގަނޑުމެންނަށް ބައެއް ކަހަލަ ހިތި ތަޖުރިބާ ކުރެވިފައިވާކަން.
ހަބީބު ވިދާޅުވީ މި ފަދަ މައްސަލަތައް ދިމާވަނީ އިންތިހާބު ތަކުގައި މޮނިޓަރުންގެ ގޮތުގައި މީޑިއާތަކުން ފޮނުވާ މީހުންގެ ދައުރު އެމީހުންނަށް ރަނގަޅަށް އޮޅުންފިލުވައިދެވިފައި ނުވާތީ ކަމަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ބައެއް ބައިވެރިން - ފޮޓޯ: އީސީ
މި މައްސަލަ ހައްލު ކުރުމަށް އޮންލައިންކޮށް ނުވަތަ ފޭސް ޓު ފޭސްކޮށް 2 ގަޑިއެއްހާއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.