މިފްކޯއިން އުފައްދާ ތަކެތި މި ރަމަޟާން މަހު ހުސްނުވެ ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން ބުނީ، އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށްވެސް އެކުންފުނީގެ އުފެއްދުންތަކަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެހެންނަމަވެސް އުފެއްދުންތައް ހުސްނުވެ ރަމަޟާންމަހު ލިބެން ހުންނާނެ ކަމަށެވެ.
ރަމަޟާންމަހު އެއްވެސް ދަތިކަމެއްނެތި ކަސްޓަމަރުން ބޭނުންވާ މިންވަރަށް މަސްދަޅު ލިބޭނެކަމަށްވެސް މިފްކޯއިން ބުނެއެވެ. އެ ކުންފުނިން ގެންދަނީ މާލޭގެ އިތުރުން ރަށްރަށަށްވެސް މަސްދަޅު ފޯރުކޮށްދެމުންނެވެ.
ރަމަޟާން މަހާއި ދިމާކޮށް، ވަޅޯމަހާއި، ގަނޑުކުރި ކަނޑުމަހާއި، ކަންނެލި މަަހުގެ ޑިމާންޑްވެސް ވަރަށް ބޮޑުކަމަށާއި، މީގެއިތުރުން ރޯދަމަހު ބަދިގޭގައި ވަގުތުން ބޭނުންކޮށްލެވޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ބައެއް ކާނާއަށްވެސް ޑިމާންޑް ބޮޑުވާކަމަށް މިފްކޯއިން ބުނެއެވެ.