ކޮންމެ ދުވަހަކު އަންނަ ކާބޯތަކެތިފަދަ އާންމު މުދާތައް އެދުވަހުން އެދުވަހަށް ކްލިއަރ ކުރުމުން އަމާޒު ހިފާފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، ކޮންމެ ރޯދަމަހަކު ވެސް މުދާ އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާ ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ .
އެގޮތުން މިއަހަރުގެ ރޯދަ މަހު ވެސް ދަތިކަމެއް ނެތި މުދާ ކްލިއަރ ކުރުމަށް އެމްޕީއެލްއިން ތައްޔާރުވެފައިވާކަމަށާއި މިއަހަރުގެ އަމާޒަކީ ކޮންމެ ދުވަހަކު އަންނަ ޝިޕްމަންޓްތައް އެދުވަހުން އެދުވަހަށް ކްލިއަރ ކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ކޮންޓެއިންނަރު އުފުލާ ބައެއް ވެހިކަލްތައް ހަލާކުވެފައި ވާތީީ، ޑިލޭތަކެއް ދިމާވާ ކަމަށާއި އެކަމަކު އާ ވެހިކަލްތަކާއެކު އެކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ، އެއްތަނުން އަނެއް ތަނަށް މުދާ އުފުލުމުގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ބޭލުމަށް ހާއްސަ ސަރަހައްދެއް މިހާރު ހަދާފައިވާނެ ކަމަށެވެ.
ރޯދަމަހު އެމްޕީއެލްގެ މުވައްޒަފުން 24 ގަޑިއިރު 2 ޝިފްޓަކަށް މަސައްކަތް ކުރާނެއެވެ. މުދާ ކްލިއަރު ކުރުމުގެ އޮޕަރޭޝަންތައް ހިންގާނީ ހެނދުނުގެ 9:15 އިން މެންދުރު 4:30 އަށެވެ. އަދި ރޭގަނޑު 9:15 އިން ދަންވަރު 1:30 އަށެވެ.