މާލޭގައި ޖަމާކޮށްފައި ހުރި ކުނިތަކެއް/ ފޮޓޯ: ރާއްޖެ އެމްވީ

ރޯދަ މަހާއި ދިމާކޮށް މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ އަދަދު އިތުރުވެފައިވާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، މިގޮތުން އުފެދޭ ކުނި މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާކަން އެ އެޖެންސީއަށް ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން، އެކަމަކީ މާލޭގެ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައްދިމާވެ އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް އީޕީއިން ވަނީ އެދިފައެވެ.

އީޕީއޭގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުމަކީ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ ދަށުން މަނާ ކަމެއްކަން  އެ  އޮތޯރިޓީއިން ހަނދާން ކޮށްދިނެވެ.

އެހެންކަމުން، އެންމެހާ ފަރާތްތަކުންވެސް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *