ކ. ބޮލިދުއްފަރު ފަރުގައި ދުބާއީގެ ދަމަކް ޕްރޮޕަޓީސްއިން ތަރައްގީކުރާ ރިސޯޓް ހެދުމުގެ މަސައްކަތް 148 މިލިއަން ޑޮލަރު (2.28 ބިލިއަން ރުފިޔާ)އަށް، ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، އައިމާ ކޮންސްޓަރްކްޝަންއާ ހަވާލުކޮށްފި އެވެ.
ބޮލިދުއްފަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ ކުރީކޮޅު އެވެ. ތިން ރަށް ހިމެނޭ ގޮތަށް ހަދާ ރިސޯޓުގައި 120 ކޮޓަރި ހުރެ އެވެ.
ޓޫރިޒަމާއި ކޮންސްޓްރަކްޝަން ބިޔަ މަޝްރޫއުތަކުގެ ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތަކުގައިވާ ގޮތުން މެންޑަރިން އޮރިއެންޓަލް ކުންފުނިން މެނޭޖް ކޮށްގެން ހިންގަން ނިންމާފައިވާ މި ރިސޯޓު މަޝްރޫއު އައިމާ ކުންފުންޏަށް ހަވާލު ކޮށްފައި ވަނީ 2025 ގައި މުޅި ރިސޯޓު މަޝްރޫއު ނިންމާ ގޮތަށެވެ.
ހޮންކޮންގް ބޮޑު ހޮޓެލް ޗެއިނުން ހިންގާ އެ ރިސޯޓުގައި 56 އޯވާ ވޯޓާ ވިލާ އާއި 64 ބީޗް ފްރޮންޓް ވިލާ ހިމެނޭއިރު އޭގެ ތެރޭގައި މެންޑަރިން އޮރިއެންޓަލް ބްރޭންޑްގެ 10 ރެސިޑެންސް ވެސް ހިމެނެ އެވެ.
200 އާއި 1000 އަކަމީޓަރާއި ދެމެދުގެ ބޮޑު މިނުގައި ހުންނަ މި ވިލާތައް ވެގެންދާނީ މާކެޓުގައި ހުރި އެންމެ ބޮޑު ވިލާތަކުގެ ތެރޭގައި ހިމެނޭ ވިލާއަކަށެވެ.