ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއެކު. ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މިއަދު ބައްދަލުކުރައްވާކަން "ޖަޒީރާ" އަށް ކަށަވަރުވެއްޖެއެވެ.

"ޖަޒީރާ" އަށް އެނގިފައިވާ ގޮތުގައި ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތަކަށް މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހާއި މައުމޫން ރައީސް އޮފީހުގައި ބައްދަލުކުރައްވާނެއެވެ.

ރައީސް ސޯލިހް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ޕާޓީތަކާއެކު ކުރިއަށް ދިއުމާ ގުޅޭ މަޝްވަރާތަކަށް، މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައެވެ.

ރައީސް މައުމޫން ރާއްޖެއިން ބޭރުގައި އުޅުއްވުމުން މިހާތަނަށް އެމްއާރްއެމްއާއެކު މަޝްވަރާތައް ކުރިއަށް ގެންދެވިފައި ނުވެއެވެ. އެހެންނަމަވެސް މައުމޫން މިވަގުތު ރާއްޖޭގައި އުޅުއްވާތީ މަޝްވަރާތައް ލަސްނުވެ ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ.

މި ސަރުކާރު ކޯލިޝަން ގެތެރެއިން، ރައީސް ސޯލިހް މިހާތަނަށް މަޝްވަރާ ކުރައްވާފައިވަނީ އަދާލަތު ޕާޓީއާއެވެ. އެޕާޓީން ވަނީ ރައީސް ސޯލިހްގެ ސަރުކާރާއެކު 2023ގެ ރިޔާސީ އިންތިޚާބަށް ދިއުމަށާ ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމާފައެވެ. މީގެއިތުރުން ސަރުކާރު ކޯލިޝަންގައި ނުހިމެނުނު ނަމަވެސް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް، ސަން ސިޔާމުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ)އިން ވެސް ވަނީ ރައީސް ސޯލިހަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރަން ނިންމާފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓިއަށް ވެސް ރައީސް ސޯލިހް މަޝްވަރާގެ ދައުވަތު ދެއްވިއެވެ. ނަމަވެސް އެކަމަށް އިޖާބަ ދިނުމެއްނެތި ޖޭޕީން ވަނީ ރިޔާސީ އިންތިޚާބަށް އެޕާޓިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *