މި އަހަރުގެ މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ހިނގާ މާޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 440،059 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 23.8 އިންސައްތައިގެ އިތުރުވުމެކެވެ. މި މަހުގެ ފުރަތަމަ 15 ދުވަހުގެތެރޭ، 89،646 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 238،533 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރިއިރު މިދިޔަ އަހަރު ޒިޔާރަތްކުރީ 355،429 ފަތުރުވެރިންނެވެ. ފަތުރުވެރިން އަންނަ އަދަދަށް މި އަހަރުގެ މިހާތަނަށް 23.8 އިންސައްތަ ވަނީ އިތުރުވެފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އެވްރެޖު ގޮތެއްގައި ދުވާލަކު 5،976 ފަތުރުވެރިން ރާއްޖެ އަންނައިރު، އެ ފަތުރުވެރިން ރާއްޖޭގައި އެވަރެޖުކޮށް 8 ދުވަހު މަޑުކުރެއެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ރަޝިއާއިންނެވެ. އެގައުމުން މިހާތަނަށް 54،527 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައިގަ އޮތް އިންޑިއާއިން 47،462 ފަތުރުވެރިން އަދި ތިން ވަނައިގަ އޮތް އިނގިރޭސިވިލާތުން 41،126 ފަތުރުވެރިން ވަނީ އައިސްފައެވެ.
މީގެ އިތުރުން އިޓަލީ، ޖަރުމަނު، ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަރލޭންޑް އަދި ޕޮލޭންޑުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.