އިކުއެޑޯއާއި ޕެރޫއަށް އައި ބާރުގަދަ ބިންހެލުމެއްގައި 14 މީހުން މަރުވެ އިމާރާތްތަކާއި އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ޔޫއެސް ޖިއޮލޮޖިލަކް ސާވޭއިން ރިޕޯޓްކޮށްފައިވަނީ އެ ސަރަހައްދަށް އައިސްފައިވަނީ 6.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށެވެ.
މިއަދު އައި މި ހެންލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިކުއެޑޯގެ ގޮނޑުދާއި ކައިރި ގުއަޔާސް ރީޖަނަށެވެ. މި ބިން ހެލުން އުފެދިގައިވަނީ އިކުއެޑޯގެ ދެކުނު އޮންނަ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގުއަޔަކުއިލްގެ 80 ކިލޯމީޓަރު ދުރުންނެވެ.
މި ސަރަހައްދަކީ ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެވެ.
ރަސްމީ އިދާރާތަކުން ބުނީ މި ބިންހެލުމާއި ގުޅިގެން ސުނާމީ އެއް އުފެދިދާނެ ކަމަށް ބެލެވިފައި ނުވާ ކަމަށެވެ.
މި ބިންހެލުމުގައި އިކުއެޑޯއިން 13 މީހުން މަރުވެފައިވާއިރު ޕެރޫއިން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
އަދި އިކުއެޑޯއިން 126 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އިކުއެޑޯގެ ރައީސް ގުއިލާމޯ ލައްސޯ ވިދާޅުވީ މި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ޤާބިލްގައި ސަރުކާރުގެ މާލިއްޔާތުގައި އެބަހުރި ކަމަށެވެ.
ޕެރޫއަށް މި ބިންހެލުމުގެ ލޮޅުން އަރާފައިވަނީ އިކުއެޑޯއާއި ގުޅޭ އުތުރު ބޯޑަރު ސަރަހައްދުން ފެށިގެން ސެންޓްރަލް ޕެސިފިކް ކޯސްޓާއި ހަމައަށެވެ.
ޕެރޫގެ ބޮޑު ވަޒީރު އަލްބާޓޯ އޮޓަރޯލާ ވިދާޅުވީ ބިންހެލުމުގައި ގެއެއް ވެއްޓީ އެގޭގައި ދިރިއުޅުނު 4 އަހަރުގެ އަންހެން ކުއްޖެއް މަރުވެފައިވާ ކަމަށެވެ.
މި ބިންހެލުމުގެ ލޮޅުންތައް އިހްސާސްވި ހިސާބު މި ދެގައުމުގެ އާންމުންވެސް ވަނީ މަގުތަކަށް ނިކުމެފައެވެ.