ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހުތިރާމާއި ލޯބި ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބުކުރެވިގެން ކުރަންޖެހިފައިވާ ދަތި ގޮންޖެހުންބޮޑު އުނދަގޫ މަސައްކަތެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަކީ ގޮންޖެހުން ބޮޑު ދިގު ރާސްތާއެއް އޮތް މަސައްކަތެއް ކަމަށާއި އެކަން ކާމިޔާބު ކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ފެށުނު ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ މިދިގު މަގަށް ފުލުހުންގެ މުއައްސަސާ ގޮވައިގެން ދަތުރުކުރަން ނިކުމެތިއްބެވި އިސްބޭފުޅުންނަށް މަގުދައްކައިދޭނެ އަލިގަދަ ބައްތިއަކަށް ވެގެންދާނެ ކަމަށެވެ.
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ ދިރާސީ ފެންވަރެއްގައި ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ކޮންފަރެންސް އެވެ. މި ކޮންފަރެންސް ކުރިއަށް ދާނީ 20 މާޗްގެ ނިޔަލަށެވެ.