ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ގދ. ތިނަދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ގދ. ތިނަދޫގައި ކުރިއަށްގެންދިޔަ މި ހަރަކާތްތައް ފެށިގެން ދިޔައީ 17 މާރިޗު 2023 ގައި ގދ.ތިނަދޫގެ ސްކޫލްތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނަކުންނެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤް، ނަންގަވައިދެއްވި މި ސެޝަންގައި "ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން" ނަގާނެ ގޮތާއި، ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުމާގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވިއެވެ.

މި ހަރަކާތްތަކުގެ ތެރެއިން، 18 މާރިޗު 2023 ގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ "ކުދިންގެ ރައުޔު" ސިލްސިލާ ފޯރަމްގެ 4 ވަނަ ފޯރަމް ވަނީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ގދ. އަތޮޅުގެ 9 ސްކޫލަކުން ޖުމްލަ 101 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އޭގެތެރޭގައި ފިޔޯރީ ސްކޫލުގެ ދަރިވަރުންނާއި، ގދ. އަތޮޅު މަދަރުސާގެ ދަރިވަރުން، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން، ހޯނޑެއްދޫ ސްކޫލްގެ ދަރިވަރުން، ހުވަދޫ ސްކޫލްގެ ދަރިވަރުން، މަޑަވެލީ ސްކޫލްގެ ދަރިވަރުން، ނަޑެއްލާ ސްކޫލްގެ ދަރިވަރުން، ރަތަފަންދޫ ސްކޫލްގެ ދަރިވަރުންގެ އިތުރުން ވާދޫ ޖަމާލުއްދީން މަދަރުސާގެ ދަރިވަރުން ހިމެނެއެވެ.

ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ.

މި ފޯރަމް އަމާޒުކުރެވިފައިވަނީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. މި ފޯރަމުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައި ވެއެވެ.

ކުދިން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންތަކުގައި އެކުދިންނާއި ގުޅޭ އެކި ކަންކަމުގައި ކުދިންގެ ޙިޔާލާއި މަޝްވަރާ ހިއްސާކޮށްފައި ވެއެވެ.

ކުދިންގެ ރައުޔު ފޯރަމް މީގެ ކުރިންވެސް ރާއްޖޭގެ ތިން ސަރަހައްދަކަށް އަމާޒުކޮށް ވަނީ ބާއްވާފައެވެ. އެގޮތުން 2022 އަހަރުވަނީ އައްޑޫ ސިޓީގެ ދަރިވަރުންނަށާއި، ހދ.އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށާއި، ފުވައްމުލައް ސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން މި ފޯރަމް ބާއްވާފައެވެ.

އެގޮތުން 2022 އަހަރު ޖުމްލަ 330 ދަރިވަރުންނަށް ވަނީ މި ފޯރަމް މެދުވެރިކޮށް ކުޑަކުދިންގެ ހައްޤުތަކާ ގުޅޭ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދެވިފައެވެ.

މީގެ އިތުރުން 18 މާރިޗު 2023 ގައި ގދ. އަތޮޅުގެ ސްކޫލްތަކުގެ ޓީޗަރުނަށް އަމާޒުކޮށްގެން "ޕްރެކްޓިސިންގ ޗައިލްޑް ރައިޓްސް" ގެ ނަމުގައި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޙާއްސަ ސެޝަނެއްވަނީ ބާއްވާފައެވެ.

މި ސެޝަނުގައި ގދ. އަތޮޅުގެ ޖުމްލަ 11 ސްކޫލެއްގެ ޓީޗަރުންވަނީ ބައިވެރިވެފައެވެ. މި ސެޝަނުގެ ތެރެއިން "ބެސްޓް އިންޓްރެސްޓް އޮފް ދަ ޗައިލްޑް"، "ޗައިލްޑް ރައިޓްސް ބޭސްޑް އެޕްރޯޗް" އަދި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންގުރި ޤާނޫނުތައް އަދި ތައުލީމީ ދާއިރާގައި ކުޑަކުދިންނާ ގުޅޭގޮތުން ހަދާފައިވާ އެކިއެކި އުސޫލްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ އެކަން ޢަމަލީގޮތުން ބޭނުންކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *