މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 އާއި ގުޅުވައިގެން މިއަދު ހަވީރު އެކުވެނި ޓްރެކްގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މަޖާ ކުޅިވަރުތަކާއި އެކު އޮންނަ މި ހަވީރުގައި އެމްއެންޑީއެފާއި، ޕޮލިހާއި ސަރުކާރުގެ އެހެނިހެން އިދާރާތުން ބައިވެރިވެގެން ކުޑަކުދިންނަށް ހާއްސަ ގޭމްތައްވެސް ބާއްވާނެއެވެ.
މި ކުޑަކުދިންގެ ހަވީރަކީ ސްޕޯޓްސް އެވޯޑްސް 2023 އާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމު ކުރާހަވީރެކެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑު ބޭއްވުމަށް ކުރިން ތާވަލުކޮށްފައިވާ ކުޑަކުދިންގެ ހަވީރު އަދި މިއުޒިކް ޝޯ ހޮނިހިރު އަދި އާދިއްތަ ދުވަހަށް ފަސްކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއަދު ހަވިރު އޮންނަ ކުޑަކުދިންގެ ހަވިރުގެ އިތުރުންނަށް ޒުވާނުންނަށް ހާއްސަ މިއުޒިކް ސޯއެއް މިރެއާ މާދަމާރޭ 8:30 ފެށިގެން އެކުވެނީގައި ކުރިޔަށްދާނެއެވެ. ޒުވާން އާޓިސްޓުންގެ ހުށަހެޅުންތައް ފެނިގެންދާނެ މި މިއުޒިކް ޝޯ ބަލާލުމުގެ ފުރުސަތުވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މިއަހަރުގެ ސްޕޯޓްސް އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދިނުމަށް ޔޫތް މިނިސްޓްރީން ދައުވަތު ދީގެން ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރުތަރިންނާއި ކުރީގެ މަޝްހޫރު ކުޅިވަރު ކުޅުންތެރިން ވަނީ ރާއްޖެ އައިސްފައެވެ.