އެމްޓީސީސީ ރާއްޖެއަށް ތައާރަފްކުރާ ސްޕޯޓްސް ފިޝިން ބޯޓާއި ޔަންމާ ބްރޭންޑްގެ އާ އިންޖީނު ދައްކާލައިފިއެވެ.
އެމްޓީސީސީ އިން މި ތަކެތި ދައްކާލާފައިވަނި ހުޅުމާލޭގައި ކުރިޔަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައެވެ. ސެންޓަލް ޕާކުގައި ކުރިޔަށްދާ މި އެކްސްޕޯގައި ސްޕޯޓްސް ފިޝިން ބޯޓު ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު ސޯލިހެވެ. ޔަންމާ އިންޖީނު ތައާރަފްކޮށްދެއްވީ އެމްޓީސީސީ ގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

އެމްޓީސީސީ އިން އަލަށް ތައާރަފްކުރި އާ ޔަންމާ އިންޖީނެއް - ފޮޓޯ: އެމްޓީސީސީ
މި ސްޕޯސްޓް ފިޝިން ބޯޓަކީ ޖަފާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ބޯޓެކެވެ. މިއީ ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތް ބަލައިގެން ގިނައިން މަސްބާނާ މީހުންނަށް ހާއްސަކޮށް ވިއެޓްނާމުގައި އުފައްދާފައިވާ ބޯޓެއް ކަމަށާއި މިހާރު ރާއްޖޭގައި ބޭނުން ކުރާ މަސްވެރި އުޅަނދުތަކާއި މި ބޯޓު ތަފާތުވާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެމްޓީސީސީން ބުނާ ގޮތުގައި އިއްޔެ ތައާރަފް ކުރި ޔަންމާ މެރިން އިންޖީނަކީ މިހާތަނަށް ރާއްޖޭގައި ބޭނުން ކުރާނެ އެންމެ މަތީ ހޯސްޕަވާ އިންޖީނެވެ. މި އިންޖީނަކީ 1،400 ހޯސްޕަވަރުގެ އިންޖީނެކެވެ. އެމްޓީސީސީގެ ޓްރޭޑް ޑިވިޝަނުގެ މެނޭޖަރ އަހުމަދު ޖިނާހު ވިދާޅުވީ މި އިންޖީނާ އެކު ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

ސްޕޯޓްސް ފިޝިން ބޯޓާއި އެކު އެމްޓީސީސީގެ ބައެއް އިސް މުވައްޒަފުން - ފޮޓޯ: އެމްޓީސީސީ
އޮޑިދޯނި ފަހަރުގައި މި އިންޖީނު އަޅުވައިދިނުމާއި ދިމާވާ މައްސަލަތައްވެސް އެމްޓީސީސީން ކަސްޓަމަރުންނަށް ހައްލުކޮށްދޭނެ ކަމަށްވެސް ޖިނާހު ވިދާޅުވިއެވެ.