ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު މި ކޮންފަރެންސް ފައްޓަވައިދެއްވީ ފުލުހުންނާއި ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ކޮންފަރެންސަކީ، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން، ރާއްޖޭގެ ތާރީޚުގައިވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސް. މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އަރިހުގައި ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބުދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގައި ފުލުހުންގެ ޚިދުމަތާ ބެހޭގޮތުން، ދިރާސީ ކަރުދާސްތައް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވޭނެއެވެ. އަދި ތަޖުރިބާކާރުންގެ އިރުޝާދާއި، ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާއި ގުޅޭ މުހިންމު މަޝްވަރާތައް ކޮންފަރެންސްގެ ބައިވެރިންގެ މެދުގައއި ކުރިޔަށް ގެންދާނެއެވެ.
މި ކޮންފަރެންސް ކުރިޔަށްދާނީ 18 މާޗް އިން 20 މާޗްގެ ނިޔަލަށެވެ. މި ކޮންފަރެންސް އިންތިޒާމުކޮށްފައިވަނީ ހޯމް މިނިސްޓްރީ އާއި ޕޮލިސް ބޯޑާއި ފުލުހުންގެ ހިދުމަތް ގުޅިގެންނެވެ.