ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގައި މިދިޔަ 5 އަހަރުގެ ތެރޭގައި ބޮޑަތި ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އަޅުގަނޑުމެން އެބަ ހޯދަން. އެކަމުގައި، މިދިޔަ 5 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ރައީސް ވިދާޅުވީ ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ، އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް ކަމަށެވެ.
ރައްޔިތުންގެ ދިފާޢުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، ޤާނޫނީ ރައްކާތެރިކަން ވެސް އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ފުލުހުން މި އަހަރުގެ ތެރޭގައި ދެން ބޭނުންކުރަން ފަށާ ވަސީލަތަކީ، ޓޭޒާ ގަން ކަމަށާއި، މިއީވެސް ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު، އެ ކުށްވެރިޔާގެ ވެސް އަދި ފުލުސް މީހާގެވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ފަހަރެއްގައިވެސް މިއީ، ކުށްވެރިންނަށް ޙަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން.
މީގެ އިތުރުން ރައީސް ވިދާޅުވީ އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި، ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ދައުރު ފުޅާވެގެން ދިއުމަކީވެސް، ދިވެހި ފުލުހުންގެ ޤާބިލުކަމާއި ހުނަރުވެރިކަން ބައިނަލްއަޤުވާމީ މިންގަނޑުންވެސް ވަޒަންކުރެވޭކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ފެށި ކޮންފަރެންސްގައި ކުރައްވާ މަޝްވަރާތަކާއި، ބަދަލުކުރައްވާ ތަޖުރިބާތަކުން، ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގު ކޮށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި މި ކޮންފަރެންސަކީ، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން، ރާއްޖޭގެ ތާރީޚުގައިވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަޅުގަނޑުމެން އެންމެންގެ އަމާޒު ހުއްޓި ސީދާވެފައި މިހުރީ އެއް މިސްރާބަކަށް ކަމަށެވެ.
އެއީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުން މި ކޮންފަރެންސްގައި ފުލުހުންގެ ޚިދުމަތާ ބެހޭގޮތުން، ދިރާސީ ކަރުދާސްތައް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވޭނެ. އެހެންކަމުން، މިއީ ވަރަށް މުހިންމު އަދި ވަރަށް ބިނާކުރަނިވި މަސައްކަތަކަށް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.
ރައީސް ވިދާޅުވީ ތަޖުރިބާކާރުންގެ އިރުޝާދާއި، ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ މާބޮޑަށް ވެސް ރަނގަޅުވާނެ ކަމަށެވެ.
އެހެންކަމުން، މިފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި، ހޯމް މިނިސްޓްރީއަށާއި އަދި ފުލުހުންގެ ޚިދުމަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް، މި މަހުގެ 29 ވަނަ ފާހަގަކުރާއިރު މިދިޔަ 90 އަހަރުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ފުލުހުންގެ ޢަދަދާއި، ޚިދުމަތުގެ ވައްޓަފާޅިއާއި، ބޭނުންކުރާ ވަސީލަތްތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި، މިހާރުވެސް ދަނީ ބަދަލުތައް އަންނަމުން ކަމަށް ވިދާޅުވިއެވެ.
އިތުރު ބަދަލުތަކަށްވެސް އަދިވެސް ބޭނުންވާ ކަމަށާއި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، ވަރަށް ބޮޑަށް އިސްކަމެއް ދޭން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.