ރާއްޖޭގެ ވިޔަފާރިތަކަށް އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މައިކްރޮސޮފްޓާއެކު ޕާޓްނަޝިޕްއެއް ގާއިމްކޮށްފިއެވެ.
މި ޕަރޓްނަރޝިޕް ގާއިމް ކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ޚިދުމަތާއެކު ބަންޑަލްކޮށްގެން ނުވަތަ ވަކިންވެސް މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއަރ ސޮލިއުޝަންތަކުގެ ބޭނުން ހިފުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މައިކްރޮސޮފްޓާ އެކު މި ވެވުނު ޕާޓްނާޝިޕް އާއި އެކު ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތައް އެންމެ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުވެރިކުރުވުން، މި ޕާޓްނަރޝިޕަކީ މި އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް."
މައިކްރޮސޮފްޓް އާއިއެކު ވެވުނު ޕާޓްނަރޝިޕްގެ ދަށުން އޮފީސް365، މައިކްރޮސޮފްޓް ޓީމްސް، މައިކްރޮސޮފްޓް ޓީމްސް ވޮއިސް، މައިކްރޮސޮފްޓް ޓީމްސް ރޫމްސް، މައިކްރޮސޮފްޓް ޕަވަރ އެޕްސް، މޮބައިލް ޑިވައިސް މެނޭޖްމަންޓް އަދި ޝެއަރޕޮއިންޓް ފަދަ ވަސީލަތްތަކުން ވިޔަފާރީގެ މަސައްކަތްތަކުގެ މަރުހަލާތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
މަސައްކަތުގެ ވައްޓަފާޅި ޒަމާނާ އެއްގޮތައް ބަދަލުކުރުމުގެ ސަބަބުން ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ދަތުރު ހަލުވިވެ ދެމެހެއްޓެނިވި ވިޔާފާރިއެއް ގާއިމް ކުރެވި، ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެ އެވެ.
އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުތުމާން ފަޚްރޫ ވިދާޅުވީ ޓެކް އިންޑަސްޓްރީ ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު އީޖާދީ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ހައްލުތަކަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ ކަމަށެވެ.
އުރީދޫގެ ޒަމާންވީ ޕާޓްނަރެއް ކަމަށްވާ މައިކްރޮސޮފްޓް ގެ ކްލައުޑް ބޭސްޑް ސޮލިއުޝަންތަކާއި ހިދުމަތްތަކާއެކު މާކެޓް ވިޔަފާރިތަކާއި އަޅުގަނޑުމެންގެ ކަސްޓަމަރުންގެ މި ބޭނުންތަކަށް ހައްލުހޯދައިދިނުމުގެ ފުރުސަތު ފަހިވެގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް."
މައިކްރޮސޮފްޓާއެކު ވެފައިވާ މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ އަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ވަން-ސްޓޮޕް-ޝޮޕެއްގެ ގޮތުގައި ހަރުދަނާވެ، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ ގްރޫޕްގެ ހުރިހާ ކުންފުނިތަކަކުންވެސް މައިކްރޮސޮފްޓްގެ ހިދުމަތްތައް ވިޔަފާރިތަކަށް މި އަހަރުން ފެށިގެން ފޯރުކޮށްދެވޭނެއެވެ.