މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް އެ ކުންފުންޏަށް ގަނެފައިވާ ހަތަރު ބޯޓުގެ ތެރެއިން އެއް ބޯޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން ބުނީ އެކުންފުނިން ގަނެފައިވާ ބޯޓުތަކުގެ ތެރެއިން އަންނަ އޭޕްރީލް މަހު ރާއްޖެ ގެންނަނީ 420 ޓަނުގެ މަސްކިރޭ، ޖަޒީރާ 103 ކަމަށެވެ.
މި ބޯޓު މިހާރު އަންނަނީ ރާއްޖެ އައުމަށް ތައްޔާރު ވަމުން ކަމަށާއި، އެ ބޯޓް ކޮރެއާއިން ފުރާނީ މި މަހުގެ 18 ގައި، ކަމަށެވެ. ބޯޓަށް ރާއްޖެ އާދެވޭނީ އަންނަ އޭޕްރީލް މަހުގެ ހައެއް ނޫނީ ހަތްވަނަ ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.
މިފްކޯއިން ބުނެފައިވަނީ "ޖަޒީރާ 103"އަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ހަދާފައިވާ ބޯޓެއްކަމަށެވެ. އަދި މި ބޯޓަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެއްކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ އަނެއް ތިން ބޯޓް ވެސް މިހާރު ގަނެ ރަޖިސްޓްރީކޮށް ނިންމާފައިވާ ކަމަށެވެ. އެ ތިން ބޯޓު ތައިލޭންޑުގައި ޑޮކުކޮށް، އޮޕަރޭޝަނަށް ގެނައުމުގެ ކުރިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބޯޓުތަކަކީ ދުވާލަކު 60 ޓަނުގެ މަސް ގަނެވޭވަރުގެ ކެޕޭސިޓީގެ ބޯޓުތަކެކެވެ.