ރާއްޖޭގައި "އޮޓޯ ރިކްޝޯ" އަދި "އޮޓޯ"ގެ ގޮތުގައި ބޭނުންކުރަމުންދާ އުޅަނދު ރަޖިސްޓަރީކުރަން ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި ތިންވަނަ އިސްލާހުގައި، ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އެއްގަމު އުޅަނދުގެ ބަޔަށް ދެ ކެޓަގަރީއެއްގެ އުޅަނދު ވަނީ އިތުރު ކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ސަރަހައްދުގެ ބައެއް ގައުމުތަކުއި ބޭނުން ކުރާ ކަހަލަ ތިން ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކެޓަގަރީއެއް ގަވާއިދަށް އިތުރުކުރީ ރިސޯޓުތަކާއި ބައެއް ރަށްރަށުގައި ބަގީގެ ގޮތުގައި ޕަސިންޖަރުން އުފުލަން ބޭނުންކުރާ އުޅަނދުތަކެއް ހުންނާތީ ކަމަށެވެ. އަދި ކުރިން ގަވާއިދުގައި ބަގީތަކަށް ހާއްސަ ކެޓަގަރީއެއް ނޯންނާތީ ފުށުއެރުންތަކެއް ހުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންނަމަވެސް ރާއްޖޭގައި "އޮޓޯ ރިކްޝޯ" އަދި "އޮޓޯ" ރަޖިސްޓަރީ ކުރަން ފުރުސަތު ނެތްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ މި ގަވާއިދަށް މި ގެނެވުނު އިސްލާހުގެ މައިގަނޑު ބޭނުމަކީ ލައިސަންސް ކެޓަގަރީގައި ތިން ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދެމުންގެންދާއިރު މި އުޅަނދުތަކަކީ ކޮބައިކަން ރަޖިސްޓްރޭޝަން ގަވާއިދުން ބަޔާންކޮށް އެ ކެޓަގަރީތައް ރަޖިސްޓަރީތަކުން ފެންނާނެ ގޮތަށް ކެޓަގަރައިޒު ކުރުން ކަމަށެވެ.

މިކަން މިގޮތަށް ކަނޑައެޅުމުގެ ކުރިން ލައިސަންސް ގަވާއިދާއި ރަޖިސްޓްރޭޝަން ގަވާއިދާއި ފުށުއެރުންތައް ހުރުމާއި އަދި ތިން ފުރޮޅުލީ މީހުން އުފުލާ "ބަގީ" އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ފުށުއެރުންތަކެއް ރަޖިސްޓްރޭޝަން ސިސްޓަމުން ފާހަގަކުރެވުނު ކަމަށްވެސް އަލީ ވިދާޅުވި އެވެ. ގަވާއިދުގައި ތިން ފުރޮޅުލީ "ބަގީ" ތަކަށް ވަކި ކެޓަގަރީއެއް ނެތި އޮތް އޮތުމުގެ ސަބަބުން ރިޒޯޓުތަކުގައާއި ރަށްރަށުގައި މިހާރުވެސް ބޭނުންކުރަމުންދާ މިފަދަ އުޅަނދުތައް ރަޖިސްޓަރީ ނުކުރެވިފައިވާތީ ގަވައިދަށް ގެނެވުނު ބަދަލާއެކު މައްސަލައަށް ހައްލެއް އަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *