ބާޒާރުމަތީގެ ގަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވުމުގައި ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ: ފުލުހުން

މާލޭގައި ދުވާރު މައްޗާއި ޕާކިން ޒޯނުގައި ކާބޯތަކެތި ދޮވެ ސާފުނުކުރުމަށާއި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރުމަށާއި ބާޒާރުމަތި ސަރަހައްދުގައި ޤަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އަދި މުދާ އަރުވައި ބޭލުމަށް ހާއްސަ ޒޯނުތަކަކީ ކޮބައިކަން ބުނެދިނުމާއި އެކަމަށް ހާއްސަ ކޮށްފައިވާ ޒޯނު ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.

އެގޮތުން، ނޯތު ހާބަރު ގޭޓުން ފެށިގެން މުޙައްމަދު އިސްމާޢީލްދީދީ ގޯޅިއާ ހަމައަށް ތޮށިގަނޑާވީ ފަރާތުގައި ޑަބަލް ޕާކިންގއަށް ނުވާގޮތަށް މުދާ އަރުވަން މަޑުކޮށްލެވިދާނެކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ކަންކަމަށް ފުލުހުން އިލްތިމާސްކޮށްފައިވަނީ އަންގާރަ އަދި ބުދަ ދުވަހު މާލޭ ބާޒާރުމަތި ސަރަހައްދުގައި ކުރިއަށް ގެންދިޔަ ’ފަހިރާސްތާ’' ޕްރޮގްރާމް ގެ ތެރެއިންނެވެ.

ބޯޓަށް މުދާ އަރުވާ ބޭލުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި ބާޒާރުމަތި ބޭނުންކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކުގެ މައުލޫމާތުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ކަނޑު އުޅަނދަކުން މުދާ ބާލާއިރު މުދަލާ ހަވާލުވާނެ ފަރާތެއް ހުރިކަން ކަށަވަރު ކުރުމަށާއި މުދާ އަރުވައި ބޭލުމަށްފަހު ވީއެންމެ އަވަހަކަށް އުޅަނދު ނަގަން އިލްތިމާސްކޮށްފައިވެއެވެ.

އަދި ބޯޓަށް އަރުވަން ގެންނަ މުދާ ވީއެންމެ އަވަހަކަށް ބޯޓަށް އެރުވުމަށާއި މުދާ އެރުވުމަށް އުޅަނދު މަޑުކޮށްގެން އޮންނައިރު މަގަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި މުދާ ގެންނަ އުޅަނދު ހުސްކޮށް މަގުމަތި އަމާންކުރުމަށް ފުލުހުންނަށް އެހީތެރިވުމަށް މުދާ އަރުވާ ފަރާތްތަކުގެ ކިބައިން އެދިފައިވެއެވެ.

އޭގެއިތުރުން، ރަމަޟާންމަހު ބާޒާރުމަތި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތާ އަދި މަގުމަތީގައި ދުއްވާ އުޅަނދުތަކަށް ދަތިވެ ބާރުބޮޑުވާ ވަގުތުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޓްރޯލީ ފަދަ އުޅަނދުގައި މުދާ އުފުލާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފުލުހުން ފޯރުކޮށްދިން މައުލޫމާތުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ހަނދާންކޮށްދީ އަދި ހިއްސާކުރި މައުލޫމާތުތައް ހިމެނޭ ލީފްލެޓެއް ބާޒާރުމަތި ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ފުލުހުން ވަނީ ފޯރުކޮށްދީފައެވެ.

ރަމަޟާންމަހާ ދިމާކޮށް ކުރިއަށް ގެންދިޔަ ފަހިރާސްތާ ޕްރޮގްރާމަކީ މަގުތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމާއި މަގުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މި ޕްރޮގްރާމަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ރޯޑް ޕޮލިސް އަދި އަވައްޓެރި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *