މިއަދު މުޅި މީސްމީޑިއާ އާއި މެއިން ސްޓްރީމް މީޑިއާގައި އަޑު ހަރުވެފައިވަމިވަނީ އެއްވާހަކަ އެކެވެ. ގދ. ފަރެސްމާތޮޑާ ވައިގެ ބަނދަރުގެ ވާހަކައެވެ. މީސްމީޑިއާގައި ގިނަބަޔަކު ފޮޓޯ ހިއްސާކުރަމުންދާ އެއާޕޯޓުގެ ވާހަކައެވެ.
ޒަމާނުންސުރެ މަސްވެރި ރަށެއްގެ ގޮތުގައި އޮތް ފަރެސްމާތޮޑާއަށް މީހުން ދިރިއުޅޭ ސަރަހައްދާ މާ ދުރުނޫން ހިސާބެއްގައި މި ސަރުކާރުން އިމާރާތް ކޮށްދިން ފުރިހަމަ ވައިގެ ބަނދަރުގެ ވާހަކައެވެ. ތިން އޮޑިހަރުގޭގެ ޑިޒައިން ދައްކުވައިދޭ އެއާޕޯޓް ޓާމިނަލްގެ ފުރިހަމަ ވާހަކައެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހިންގުމުގެ ހުއްދަ ރީޖަނަލް އެއާޕޯޓްއަށް ދިނުން -
ބުދަ ދުވަހުގެ ރޭ އެއާޕޯޓް ރަސްމީކޮށް ހުޅުއްވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވެސް ތައުރީފު ކުރެއްވީ މި ފުރިހަމަ ޑިޒައިނަށެވެ. އަދި ކަރަންޓް ހަރަދު ކުޑަވާ ގޮތަށް ގުދުރަތީ އަލި ބޭނުން ކުރެވޭހެން ކޮށްފައިވާ މި ފަރުމާއިން ހަގީގީ ޖަޒީރާއެއްގެ ސިފަވަންތަކަން ދައްކުވައިދޭ ކަމަށް ރައީސްވެސް ފާހަގަ ކުރެއްވިއެވެ
ވަރަށް ގިނަ ތަފާތުތައް މި ވައިގެ ބަނދަރުން ފެނޭ. ދަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ. ފުރާ މީހުން ބޯޓަށް އަރާ މަންޒަރު ފެނުމަކީ އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް. މިތަނުގެ ޓާމިނަލް އިމާރާތް ތިމާވެއްޓާއި ވަރަށް ރައްޓެހި. އިމާރާތުގެ މެދުގައި ހުރި ބަގީޗާ އާއި މިތަނުގެ ވައި ދައުރުވާ ނިޒާމުން ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއި އުފާވެރިކަން ލިބިގެންދާނެ"
ޕްލޭނިން މިނިސްޓްރީން ތަރައްޤީކުރި އެންމެ ފުރަތަމަ އެއާޕޯޓަކީ މިއެވެ. ފަރެސްމާތޮޑާ އެއާޕޯޓް ޑިޒައިން ކުރެއްވީ ގދ. ތިނަދޫއަށް ނިސްބަތްވާ ޒުވާން އާކިޓެކްޓެއް ކަމަށްވާ ހަމްރާއު އަހުމަދު ފަތުހީއެވެ. ހުވަދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ އާޖުފާޖު ދަންނަ މި އާކެޓެކްޓަރު ކުރެއްސެއްވީ އެ ސަރަހައްދުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ނުހަނު ގުޅުން ހުރި އޮޑިހަރުތަކެކެވެ. މި އޮޑިހަރުގެތަކަށް ޒަމާނީ ސިފަތައް ގެނެސް ޖަޒީރާވަންތަ ސިފަތައް ހިމަނައިގެން ސްޓްރަކްޗަލް ޑިސައިން ހަމަލޮލަށް ފެންނަވަރު ކޮށްދިނީ އެމްޓީސީސީގެ ހީވާގި މުވައްޒަފުންނެވެ.
ކޮވިޑްގެ ދަތި ދުވަސްވަރުގައިވެސް މި އެއާޕޯޓް ޕްރޮޖެކްޓް ދިޔައީ ކުރިޔަށެވެ. ރައީސް ސޯލިހު ރިޔާސީ ކެމްޕޭނަށް 2018 ވަނަ އަހަރު ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެދުނީވެސް އެއާޕޯޓްގެ މަސައްކަތް ހުއްޓުނަ ނުދީ ކުރިޔަށް ގެންގޮސްދެއްވުމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ ބައެއް މުވައްޒަފުންނާއި ރައީސް ސަލާމް ކުރައްވަނީ
ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅަން ނިންމީ ކުރީގެ ސަރުކާރުން ކަމުގައިވިޔަސް އަމަލި މަސައްކަތް ފަށާއި އެއާޕޯޓްގައި ހަގީގީ ކުލަ ޖައްސައިދިނީ މި ސަރުކާރުންކަން ނުހަނު ޝުކުރުވެރިކަމާއެކު ފަރެސްމާތޮޑާ ކައުންސިލުގެ ރައީސްވެސް ފާހަގަ ކުރައްވައެވެ.
މި އެއާޕޯޓުގެ ސަބަބުން ފަރެސް މާތޮޑާގެ ރައްޔިތުން މާލެ ދަތުރު ކުރުމަށް ކުރިން އުފުލި ތަކްލީފަށް ބޮޑު ލުޔެއްލިބުނީއެވެ. އެއާޕޯޓާއި އިންވެގެން ހަދާ ކުޑަ ބްޖިޖަކުން ދުއްވާލާފައި އެއްގަމު އުޅަނދެއްގައި އަމިއްލަ ގެއާ ހަމައަށް 15 މިނިޓުން 20 މިނިޓުން ދެވޭހާ ކައިރިވީއެވެ.
އަދި ފަރެސްމާތޮޑާ ކައިރީގައިވާ ފިއޯރީ، ރަތަފަންދޫ، ވާދޫ ފަދަ ރަށްތަކުން ވިއްސަކަސް މިނިޓުން ލޯންޗުގައި އެއާޕޯޓަށް އާދެވޭހާ ކައިރީވީއެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން
މިއީވެސް މި ސަރުކާރުގެ ވައުދެކެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނިޓުން އާދެވޭހާ ކައިރީގައި ވައިގެ ބަނދަރެއް ތަރައްޤީ ކުރުމަކީ "ޖަޒީރާ ރާއްޖެ" ކޮންސެޕްޓްގައި އެމްޑީޕީގެ ސަރުކާރުން ޕްލޭންކޮށްގެން ވެފައިވާ ވައުދެކެވެ. މި ޕްލޭންތައް ލޮލަސްފެނި އަތްލެވޭ މިންވަރަށް ހަޤީގަތަކަށް ވެގެން މި އަންނަނީ ރައްޔިތުންނަށް ޖަޒީރާވަންތަ ދިރިއުޅުމުން އިގްތިސާދީ އަދި އިޖްތިމާއީ މަންފާއާއި ލުއިފަސޭހަ ގޮތްތައް ފަހިކޮށްދެމުންނެވެ.
ރައީސް ވިދާޅުވީ ފަރެސްމާތޮޑާގައި އިއްޔެ ރަސްމީކޮށް ހުޅުވިގެން ދިޔަ މި ޒަޖީރާ ވައިގެ ބަނދަރުން މި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ވައިގެ ދަތުރުފަތުރުގެ ލުއި ފަސޭހައެއް ނޫން ކަމަށެވެ. ހަމައެއާއެކު އިގްތިސާދީ އެތައް މަންފާތަކެއް ލިބޭނެ ކަމަށާއި، އަދި އެ ރަށްތަކަށް އިޖްތިމާއީ ހަމަޖެހުން އަންނާނެ ކަމަށާއި، މިހާރުވެސް މި ރަށުގެ ޒުވާނުން އެއާޕޯޓްގައި އަދާކުރާ ވަޒީފާތަކާއިއެކު އިގްތިސާދީ އެތައް މަންފާއެއް އަންނަނީ ލިބެމުންކަމަށް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް
މި އެއާޕޯޓާއެކު ފަރެސްމާތޮޑާ ސަރަހައްދަށް ފަތުރުވެރިކަމާއި، ލޯކަލް ޓޫރިޒަމްގެ ދޮރުތައް ހުޅުވިގެންދާނެއެވެ. ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރިތަކަށް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މާލޭގައި އުޅޭ އާއިލާތަކަށް މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ބައްދަލުނުވެވި ތިބޭ ތިބުމަށްވެސް ނިމުމެއް ގެނެވިދާނެއެވެ.
އާއިލާ ކައިރިއަށް ފަސޭހަކަމާއެކު ރަށަށް ގޮސް 1:15 ވަރަކަށް މިނިޓްގެ ދަތުރެއް ކޮށްފައި އެނބުރި މާލެ އަންނަވީއެވެ. ޖަޒީރާވަންތަ ދިރިއުޅުމަށް ބަދަލުވާން އެދޭ އާއިލާތަކަށް އެ ފުރުސަތުވެސް ފަހިވީއެވެ.
ދާއިމީކޮށް މައިންބަފައިން ގާތު ދިރިއުޅުމަށް ރަށަށް ބަދަލުވެ އަނބި ދަރިންނާއި އެކު އަބުރުވެރި ތާހިރު ދިރިއުޅުމެއް އުޅެވޭ މިންވަރަށް ވަޒީފާއާއި ތައުލީމާ ސިއްހަތާއި މިނޫންވެސް ހިދުމަތްތައް މި ފަދަ ޖަޒީރާތަކުން ހޯދިދާނެއެވެ.
ރައީސް ވިދާޅުވި ފަދައިން މި ވައިގެ ބަނދަރުން ސިފަކޮށްދެނީ ރާއްޖޭގެ ޖަޒީރާއެއްގެ މަލަމައްޗެވެ.
ދިވެހިންގެ އިހު ޒަމާނުގެ ކަނޑުމަތީ ސަވާރީއަކީ، ހޭޅިފަށުގައި ހުންނަ އޮޑިހަރުގެތަކުގެ ކަމަޅިމަތީ ފަށަން ދަމާލައިގެން ބަންނަ އޮޑިދޯނިފަހަރު. މިއަދު އަޅުގަނޑުމެންގެ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވައިގެ ބަނދަރެއް، އެފަދަ އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާއާ ބުގިސްވެގެން އުފެއްދުނުއިރު ދިވެހިވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް ސިފަވެގެން އެބަދޭ.